އިސްލާހު ބަލައި ނުގަތުމުން މެމްބަރު ފައްޔާޒު ރިޔާސަތު ހިސޯރުކޮށް މުޒާހަރާކޮށްފި
ދުންފަތާއިި އެނާޖީ ޑްރިންކުން ދުރުވާން މީހުން އަހުލުވެރި ކުރުވަން އެތަކެތިން ލިބޭ ޑިއުޓީން ފަސް ޕަސެންޓް ހަރަދު ކުރަން ޖެހޭ ގޮތަށް ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒު އިސްމާއިލް ހުށަހެޅި އިސްލާހު ބޭރުކޮށްލުމުން އިހުތިޖާޖުކޮށްފި އެވެ. މަޖިލީހުގެ ރައީސް އަހުމަދު މަސީހްއަށް ފުރުސަތު ނުދީ ރިޔާސަތުގައި އިށީންދެވަޑައިގެން އިންނެވީ ފައްޔާޒު އެވެ. އެހެންކަމުން މަސީހް ޖަލްސާ ކުރިއަށް ގެންދެވީ ވަޒީރުން ވަޑައިގެން ތިއްބަވާ ގޮނޑިކޮޅުގައި އިންނަވައިގެންނެވެ. ދުންފަތާއިި އެނާޖީ ޑްރިންކަށް ނަގާ ޓެކްސްގެ ފަސް ޕަސެންޓް އެކަމުން މީހުން ދުރުކުރުވަން ހޭލުންތެރި ކުރުވަން ޕްރޮގްރާމްތައް ހިންގުމަށް ހޭދަކުރަން ޖެހޭ ކަމަށް ކޮމިޓީ މަރުހަލާގައި ވެސް ފައްޔާޒު ވިދާޅުވި އެވެ. މިއަދު މަޖިލީހަށް ފައްޔާޒު ހުށަހެޅި އިސްލާހު ބޭރުކޮށްލި ސަބަބެއް މަޖިލީހުގެ ރައީސް ހާމައެއް ނުކުރައްވަ އެވެ. އާންމު އުސޫލެއްގެ ގޮތުން މަޖިލީހަށް އިސްލާހެއް ހުށަޅައިފި ނަމަ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއި ބަހުސް މަރުހަލާ ކުރިއަށް ގެންދިއުމަށް ފަހު މަޖިލީހަށް އެ އިސްލާހު ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާނެ އެވެ. މިއަދު މަޖިލީހަށް އެޖެންޑާކޮށްފައި ވަނީ ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކޮށް ވޯޓަށް އެހުމެވެ. މަޖިލީހުގެ ލައިވް ސުޓްރީމް މެދު ކަޑާލި ނަމަވެސް މަސީހު ވަނީ މަޖިލިސް ކުރިއަށް ގެންގޮސް ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުވާގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހައް ވޯޓަށް އަހައިފަ އެވެ. އެ އިސްލާހަށް ތާއީދުކޮށް 52 މެމްބަރުން ވޯޓު ދީފައިވާ އިރު، ދެކޮޅަށް ވޯޓު ދިނީ ހަތަރު މެމްބަރުންނެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ ތިން މެމްބަރުން ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ