މިނިސްޓރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖެ އެންޑް ޓެކްނޮލޮޖީން ކުރިއަށް ގެންދާ އެރައިސް މަޝްރޫއުގެ ދަށުން ބޮޑެތި އާބާދީތަށް ހިމެނޭ ގޮތަށް، ރާއްޖޭގެ 15 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
މި ޕްރޮޖެކްޓަކީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ.
ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީއިން މި ރަށްތަކުގެ ކަރަންޓު ވިއުގަތައް ތަރައްގީކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރޮކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ.
އެގޮތުން ރާއްޖޭގެ އެކިރަށްތަކުގައި 36 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް މި ނިޒާމުތަކަށް ބޭނުންވާ ސްޓޯރޭޖްއަށް ގާތްގަނޑަކަށް 40 މެގަވޮޓްއަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށްވެސް އެރައިސް މަޝްރޫއިން މަސައްކަތްކުރަމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
އެރައިސް މަޝްރޫއުގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑްކުރާ ރަށްތައް:
ރަށްތަކުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަގަޅުކޮށް، ކަރަންޓުގެ ނިސްބަތުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެރައިސް މަޝްރޫއިން ހުޅުވާލާފައިވާ ގްރިޑް އަޕްގްރޭޑިންގް ބީލަމުގެ މަސައްކަތްތަކުގެ ތެރޭގައި، މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި، ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުން ހިމެނެއެވެ.
އަދި، ދުވަސްވެފައިވާ ޓްރާންސްފޯމަރތައް ބަދަލުކުރުމާއި ނެޓްވަރކްގެ ޓްރާންސްމިޝަން ކެޕޭސިޓީ އިތުރުކުރުމަށް އާ ސަބްސްޓޭޝަން ގާއިމުކުރުމާއި، ޒަމާނީ ފެންވަރަށް ވިއުގަ ތަރައްޤީކުރުމުގެ ގޮތުން ކޮމިއުނިކޭޝަން ނެޓްވަރކް އެޅުމާއި ނެޓްވަރކަށް އޮޓޮމޭޓެޑް ފީޗަރސްތައް އިންޓެގްރޭޓް ކުރުން ހިމެނެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ގާއިމުކުރާ ފައިބަރއޮޕްޓިކް ކޮމިއުނިކޭޝަން ވިއުގަ ގާއިމުކުރުމާއި ނެޓްވޯކް އޮޓޮމޭޓެޑް ކުރުމުގެ ސަބަބުން އިންޖީނުގޭގެ އޮޕަރޭޓިންގް ސްޓޭޓަސް ވަގުތުން ބަލާލެވޭނެ ކަމަށެވެ.
މީގެއިތުރުން، މިގޮތަށް ނެޓްވަރކް އޮޓަމޭޓްކުރެވުމުން ހައިބްރިޑް ކަރަންޓު ނިޒާމު އެދެވޭ ގޮތަށް މަސައްކަތް ކުރުމާއި، ދިމާވާ ކުދިކުދި ޓެކްނިކަލް މައްސަލަތައް ވަގުތުން ހައްލުކުރެވި ކަރަންޓުކެނޑޭ ހާލަތްތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދިއުމާއި، ކަރަންޓު ވިއުގައިގެ ގިނަ މަޢުލޫމާތުތައް ބޭނުންވަގުތެއްގައި ފަސޭހަކަމާއެކު އޮޕަރޭޓަރުންނަށް ލިބުންފަދަ ގިނަ ފައިދާތަކެއް ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އަދި ހަމައެއާއެކު ކޮންމެ ރަށެއްގެ ކަރަންޓު ވިއުގަ ޑިޒައިން ކުރުމުގައި އެރަށެއްގައި ގާއިމުކުރުމަށް ރާވާފައިވާ ސޯލާ ހަކަތައިގެ ކެޕޭސިޓީ އަދި ކުރިއަށް އޮތް ދިހަ އަހަރާއި ފަނަރަ އަހަރުގެ ކަރަންޓުގެ ޑިމާންޑް ޕްރޮޖެކްޝަންސްތަކަށް ބަލައި ތަފްސީލީ ދިރާސާތައް ފުރިހަމަކޮށްފައިވާ ކަމަށާއި، އެހެންކަމުން މިމަސައްކަތްތައް ފުރިހަމަވުމުން ކުރިއަށްއޮށް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވަރކް އިންފްރާސްޓްރަކްޗަރ ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި، ގިނަ ރަށްތަކުގައި ދިމާވެފައިވާ ވޮލްޓޭޖް ޑްރޮޕް މައްސަލަތަކާއި ބައެއް ކަހަލަ ކަރަންޓު އާލާތްތައް ބޭނުންކުރުމަށް ރައްޔިތުންނަށް ހުރި އެކި ހުރަސްތަކުން ސަލާމަތްވެ ކަރަންޓު ކެޑުމުގެ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރާއްޖޭގެ 15 ރަށެއްގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ