އަންގާރަދުވަހާއި ބުދަދުވަހުވެސް މޫސުން ގޯސްވާނެ

ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުމާ ބެހޭ އެލަރޓްތައްވެސް ދަނީ ނެރެމުންނެވެ.
ރޭ ދަންވާރާ މިއަދު ހެނދުނު ރާއްޖެއަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީއާއި ފުވައްމުލަކުގެ އިތުރުން، މާލެއަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން މާލެ ސިޓީގެ ބައެއް ގަސްތައް ވެއްޓި، ވެހިކަލްތަކަށް ގެއްލުން ލިބިފައިވެއެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާއިރު، ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދެކުނަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާ ދުރުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންކުރަމުންދާ ވިއްސާރައެއްކަމަށެވެ. އަދި މާލެ ހިމެނޭ މެދުރާއްޖޭގެ ސަރަޙައްދަށް ވިއްސާރަކުރަނީ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ވައިގަދަވެ ބޯކޮށް ވާރޭވެހި މާލެ ސަރަޙައްދަށް ޔެލޯ އެލަރޓްވެސް ވަނީ ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހުމާއި ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
މެޓް އޮފީހުން ވިދާޅުވީ މޫސުން ގޯސްވާ ވަގުތު 45-55 މޭލަށް ވައިގަދަވާނެކަމަށެވެ. އަދި މި ވަގުތުގައި ކަނޑުގެ ބާނި ބޮޑުވެ، ކަނޑުތައް ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން އިތުރުވެ، އުދަ އެރުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން މާލެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެތީ، ޚާއްސަކޮށް ކަނޑުދަތުރަށް ނިކުންނަ ފަރާތްތަކުން މޫސުމާބެހޭ މަޢުލޫމާތުތައް ފުރިހަމައަށް ޙޯދައިގެން ކަނޑު މައްޗަށް ނިކުތުމަށް މެޓުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ