ޓެންޒޭނިޔާގެ ޙިމާޔަތް ހޯދާ މޮޒަންބީކުގެ ރައްޔިތުންނަށް އެހީތެރިވުމަށް އދން ގޮވާލައިފި

މޮޒަންބީކުގެ އުތުރުގެ އަވަށަކަށް ދިން ޙަމަލާއަކަށްފަހު ޓެންޒޭނިޔާއަށް ހިޖުރަކޮށްފައިވާ ހާހަކަށްވުރެ ގިނަ މީހުންނަށް އެ ޤައުމުން ރައްކާތެރިކަން ދީފައިނުވާކަމަށް އދން ބުނެފިއެވެ.
މޮޒަންބީކުގެ ޕަލްމާ އަވަށަށް ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތުން ޙަމަލާދީފައިވަނީ މާރިޗު މަހުގެ 24ވަނަ ދުވަހުއެވެ. އެ ޙަމަލާ ދިނުމުން އެ އަވަށުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުންވަނީ ރައްކާތެރިކަން ހޯދުމަށް އެ އަވަށް ދޫކޮށް ގޮސްފައެވެ. އެގޮތުން އެ އަވަށް ވަށައިގެން އޮންނަ ބޯޖަންގަލިތަކަށް ވަދެ ބައެއް މީހުންވަނީ ފިލައިފައެވެ. އަނެއް ބަޔަކުވަނީ ބޯޓުތަކުގައި އެ ސަރަޙައްދު ދޫކޮށް ފުރައިފައެވެ. އަދި ސަރަޙައްދީ ރޮނގު ހުރަސްކޮށް ޓެންޒޭނިޔާއަށް އެތެރެވެ އެ ޤައުމުގެ ޙިމާޔަތް ހޯދުމަށް ގިނަ ޢަދަދެއްގެ މީހުންވަނީ މަސައްކަތްކޮށްފައެވެ.
އދގެ ރެފިއުޖީންނާބެހޭ އިދާރާ ޔޫއެންއެޗުސީއާރުން ނެރުނު ބަޔާނެއްގައި ބުނީ ޓެންޒޭނިޔާގެ ޙިމާޔަތް ހޯދުމަށް މޮޒަންބީކުން ދަތުރުކޮށްފައިވާ ހާހަކަށްވުރެ ގިނަ މީހުންނަށް ސަރަޙައްދީ ރޮނގު ހުރަސްކުރުމުގެ ޙުއްދަ ޓެންޒޭނިޔާއިން ދީފައިނުވާކަމަށެވެ. އެއީ އދން ވަރަށް ކަންބޮޑުވާ ކަމެއްކަމަށް ފާހަގަކޮށް ޓެންޒޭނިޔާގެ ޙިމާޔަތް ބޭނުންވާ މީހުންނަށް އެ ފުރުޞަތު ދިނުމަށް އެ ޖަމުޢިއްޔާއިންވަނީ ގޮވައިލައިފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި މޮޒަންބީކުން 45 މީހުން ގޮވައިގެން ޓެންޒޭނިޔާއަށް ދަތުރުކުރި ބޯޓެއްގައި ތިބި މީހުންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހުކަން ފޯރުކޮށްދީފައިވާކަމަށް ޓެންޒޭނިޔާއިން ބުނެއެވެ. ނަމަވެސް އެއްގަމުން ޓެންޒޭނިޔާއަށް އެތެރެވި މޮޒަންބީކުގެ އެތައް ސަތޭކަ މީހުން އެ ޤައުމުންވަނީ އަނބުރާ ފޮނުވައިލައިފައެވެ.
މޮޒަންބީކުގެ އަސްކަރިއްޔާއިން ބުނީ އައިއެސުން ދިން ޙަމަލާއަށްފަހު ޕަލްމާގެ ރައްކާތެރިކަން ޔަޤީންކޮށްފައިވާކަމަށެވެ. އެ އަވަށް ދޫކޮށް ގޮސްފައިވާ ގިނަ ޢަދަދެއްގެ މީހުން އަނބުރާ އަންނަން ފަށައިފައިވާކަމަށްވެސް މޮޒަންބީކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ