މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާ ބޭނުންކުރާނަމަ މަނީލޯންޑަރިންގެ ދަޢުވާ ކުރަނީ

މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާ "ދޮންނަ" ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް، (މަނީލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ ކުރަން ފަށައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމެއް ހިއްސާކޮށް ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި، އަދި ޙައްލުކުރަން އެންމެ ދަތި އެއް މައްސަލަ ކަމަށެވެ.
އެގޮތުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު މަދު ކުރެވޭނެ ގޮތެއް ހޯދައި ބަލައި، އެކަން ކުރެވެނީ އެތަކެތި ރާއްޖެއަށް އެތެރެކޮށް، ވިޔަފާރި ކުރާ މީހުން ފަހަތުން ދެވިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝަމީމް ކުރެއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު، ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލަ ކަމަށެވެ. އަދި އެ މައްސަލައަށް ހައްލެއް ގެންނަން، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ސިޔާސަތަށް ބަދަލު ގެނެސްގެން ކުރެވޭނެ ކަމަކީ ކޮބައިތޯ ބަލާއިރު ފައިސާ ފަހަތުން ދިއުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަކީ ކޮންމެ ސަރުކާރެއްގައިވެސް، ޙައްލުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް މައްސަލަ ކަމަށްވާއިރު އެމައްސަލައާ ނުގުޅޭ އިތުރު އެއްވެސް މައްސަލައެއް، ޖިނާއީ ޢަދުލުގެ ނިޒާމަކު ނެތް ކަން ޝަމީމު ފާހަގަކުރެއްވިއެވެ.
އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ޢަދަދު މަދު ކުރެވޭނެ ގޮތެއް ހޯދައި އެކަން ކުރެވެން އޮތީ، އެތަކެތި ރާއްޖެއަށް އެތެރެވެ، ވިޔަފާރި ކުރާ މީހުން ފަހަތުން ދެވިގެންނެވެ. އެކަން ކާމިޔާބުކުރެވޭނެ ތަޅުދަނޑިއަކީ، މަސްތުވާތަކެތިން މަންފާވާ މީހުންގެ ފައިސާގެ ފަހަތުން ދިއުން ކަމަށް ޝަމީމުގެ ބްލޮގްގައި ލިޔުއްވާފައި ވެއެވެ.
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ، އެކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭ ކުށެކެވެ. އެޤާނޫނުގެ ދަށުން، މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި، އެމީހުންގެ އަނބިންނާއި ފިރިންނާއި، ގާތްތިމާގެ މީހުންވެސް، ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެނަމަ ދައުވާ ކުރެވެއެވެ.
މަސްތުވާތަކެތީގައި އަތްލުން ލާޒިމެއް ނޫނެވެ. މިހާތަނަށް ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މަސްތުވާތަކެތީގައި އަތް ނުލާނަމަ، ކުށްވެރި ނުވާނެ ކަމަށެވެ. ނަމަވެސް މި ސިޔާސަތުގެ ބަދަލާއެކު، އެވިސްނުން ނިމުމަކަށް އަންނާނެއެވެ. މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވަނީ، އޭނާއަށް ލިބި، ބޭނުންކުރި ފައިސާއަކީ، ކުށެއް ކޮށްގެން ހޯދާ ފައިސާކަން އޭނާއަށް ޝައްކުވުމެވެ.
"އެކަން ކާމިޔާބުކުރެވޭނެ ތަޅުދަނޑިއަކީ، މަސްތުވާތަކެތިން މަންފާވާ މީހުންގެ ފައިސާގެ ފަހަތުން ދިއުން. އަޅުގަނޑު، ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމާ ހަވާލުވުމަށްފަހު، އެ ދިމާލަށް ސިޔާސަތު މިދަނީ ބަދަލު ކުރަމުން"، ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ދައުވާކުރުމަށް ޕީޖީން ގެންގުޅޭ އުސޫލަސް ބަދަލެއް ގެނެސްފައިވާކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ލިބޭ ފައިސާ ބޭނުންކުރާ މީހުންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ކުރަން ފަށާފައިވާ ކަމަށާއި، އެފަދަ ފުރަތަމަ މައްސަލަ މާޗް 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
އެގޮތުން ގދ. ތިނަދޫ، ރަންގަލް، ޙަސަން ލޫޠްއާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ޙަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފްއާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމް، 12 ޖަނަވަރީ 2021 ވަނަ ދުވަހު އިތުރު ބަޔަކާ ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވިގެން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ފުލުހުން ހިނގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލާގައެވެ.
އެމައްސަލައިގައި، އިސްމާޢީލް ޝަރީފާއި، ޝާނިޔާ އިބްރާހީމާއި ޙަސަން ރަޝީދާއި . ޙަސަން ލޫޠުގެ މައްޗަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވާނީ ހުށަހަޅާފައެވެ.
ޝަމީމް ވިދާޅުވީ މަސްތުވާތަކެއްޗާބެހޭ މައްސަލައަށް ޖުމްލަ ހައްލެއް ގެނެވޭނީ، ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ މުއައްސަސާތަކުން އެއްކޮށް، ބާރަށް މަސައްކަތް ކޮށްގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ