ބަންޑާރަ ނައިބަށް ހުވާ ލައިދެއްވުމަށް ފަނޑިޔާރެއް ހޯދުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރައްވާ ރައީސް އޮފީހުން ސުޕްރީމް ކޯޓަށް ނޯޓެއް ފޮނުއްވައިފި

19:00ސުޕްރީމު ކޯޓުގައި ފަނޑިޔާރުން ތިއްބެވިކަމާއި އަލްއުސްތާޒު އަބްދުﷲ ސައީދަކީ އުއްތަމަ ފަނޑިޔާރު ކަމަށް ރައީސް އޮފީހުން ގަބޫލު ނުކުރާއިރު ވެސް، ބަންޑާރަ ނައިބުގެ މަޤާމަށް އައްޔަންކުރާ ބޭފުޅަކަށް ހުވާ ލައިދެއްވުމަށް ސުޕްރީމް ކޯޓަށް މިއަދު ނޯޓެއް ފޮނުއްވައިފައި ވަނީ، އަލްއުސްތާޒު އަބްދުﷲ ސައީދަށް އެޑްރެސް ކުރައްވާ ކަމަށް ސަން އެފްއެމަށް ކަށަވަރުވެއްޖެ އެވެ.ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު ސޮއިކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވައިފައިވާ އެ ނޯޓުގައި ވަނީ ދިވެހި ދައުލަތުގެ އެޓާނީ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެއްގެ ހުވާކުރެއްވުމުގެ ރަސްމީޔާތު މިއަދު ހެނދުނު 9:00 ގައި ރައީސް އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވީމާ އެ މަނިކުފާނަށް ހުވާލައިދެއްވުމަށް ފަނޑިޔާރަކު ހަމަޖައްސަވައިދެއްވައި، މިއަދު ހެނދުނު 8:50 އަށް ރައީސް އޮފީހަށް ފޮނުއްވައިދެއްވުން އެދޭ ކަމަށް އެ ނޯޓުގައި ވެ އެވެ.ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އަހުމަދު އަލީ ސަވާދު ބަންޑާރަ ނައިބުގެ މަގާމަށް ކަނޑައަޅުއްވައި ހުވާކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވި ކަމަށެވެ. އަދި ހުވާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވީ ޖުޑިޝަލް ސާވިސް ކޮމިޝަންގައި ކަމަށާއި ނަމަވެސް އެ މަސައްކަތަކީ އެ މުއައްސަސާ އިން ކުރައްވާ ކަމެއް ނޫން ކަމަށް އެ ފަރާތުން ވިދާޅުވެފައިވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.ހުވާލައިދެއްވާނެ ފަނޑިޔާރެއްގެ މައްސަލަ ނުކުތުމުން އާ ބަންޑާރަ ނައިބު ހުވާކުރެއްވުމުގެ ރަސްމީޔާތު މިއަދު ވަނީ ކެންސަލްކޮށްފަ އެވެ.ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހޮނިހިރު ދުވަހު ނެރުއްވި ގަރާރެއްގައި ވަނީ 7 އޯގަސްޓު 2008 ގައި ޢަމަލުކުރާން ފަށައިފައިވާ ޤާނޫނު އަސާސީގެ ސާދަ ވަނަ ބާބު ކަމަށްވާ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތައް ޤާނޫނު އަސާސީއަށް ޢަމަލުކުރާން ފަށާތާ ދެ އަހަރުވުމުން ނިމުމަކަށް އަންނާނެ ކަމަށް ބަޔާންކޮށްފައިވާތީ، އަދި 7 އޯގަސްޓު 2010 ގައި އިންތިޤާލީ މަރްޙަލާ ނިމުމަކަށް އައުމާއެކު، ޤާނޫނު އަސާސީގެ 282 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުފައްދާފައިވާ ސުޕްރީމް ކޯޓުގެ ދައުރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެ ގަރާރު ނެރުއްވުމުގެ ކުރިން ސުޕްރީމު ކޯޓުގެ ތަޅުދަނޑި ވަނީ އެމްއެންޑީއެފުން ހިފަހައްޓައިފަ އެވެ. އެއާއެކު މަދަނީ ކޯޓުން ނެރުނު ކޯޓު އަމުރެއްގައި ވަނީ ސުޕްރީމު ކޯޓުގެ ތަޅުދަނޑި އެ ކޯޓަށް ހަވާލުކުރުމަށެވެ. ނަމަވެސް މިއަދު ވެސް ވަނީ ތަޅުދަނޑި ދޫނުކޮށްފަ އެވެ. އަދި ސުޕްރީމު ކޯޓަށް ވަޑައިގެންނެވި ދެ ފަނޑިޔާރަކު ވެންނެވިޔަނުދީ ސިފައިން ވަނީ އެ ބޭފުޅުން އަނބުރާ ފޮނުވާލައިފަ އެވެ.ސުޕްރީމު ކޯޓުގައި ފަނޑިޔާރެއް ހުރި ކަމަށް ރައީސް އޮފީހުން ގަބޫލްނުކުރާއިރު އަދި އަލްއުސްތާޒު އަބްދުﷲ ސައީދަށް އެޑްރެސް ކުރައްވައި، ރައީސް އޮފީހުން ނޯޓެއް ފޮނުއްވައިފައި ވަނީ ކީއްވެގެން ކަމެއް އަދި އެނގިފައެއްނުވެ އެވެ. ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހޭރުގެ ބަހެއް ވަނީ، އެ މަނިކުފާނު ފޯނު ނުނަންގަވާތީ، ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ