ޒިޔާދުގެ މައްސަލާގައި، އަބްދުﷲ ގާޒީގެ އާއިލާގެ ބޭފުޅުންގެ ހެކިބަސް ނަގައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި އެމްއެންޑީއެފްގެ އޭރުގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރަން، ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި އަބްދުﷲ ގާޒީގެ އާއިލާ މެމްބަރުންގެ ހެކިބަސް މިއަދު ނަގައިފި އެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން، މިއަދު ހެކިބަސް ނެގީ އަބްދުﷲ ގާޒީގެ އަނބިކަނބަލުން އައިމިނަތު ޝަރީފާއި އޭނާގެ ދައްތަ ސޯބިރާ ޝަރީފްގެ އެވެ. އެ މީހުން ހެކިން ގޮތުގައި ހާޒިރުކޮށްފައި ވަނީ، ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ބަންދުކުރީ އޭނާގެ ނުރުހުމުގައި، ގަދަކަމުންކަން ސާބިތުކޮށް ދިނުމަށެވެ. ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އަމިނަތު ޝަރީފް ވިދާޅުވީ، އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެއަށް ޖެނުއަރީ 16، 2012 ވަނަ ދުވަހުގެ ރޭ ސިފައިންގެ ބަޔަކު ވަދެފައި ވަނީ، ގޭގެ މީހުންގެ ހުއްދަ ނެތި ކަމަށެވެ. އަދި އަބްދުﷲ ގާޒީ ގެންދިޔައީ ގަދަކަމުން ކަމަށާއި އެކަމުގެ ތެރޭގައި އަބްދުﷲ ގާޒީގެ އަތަށް ވެސް އަނިޔާވި ކަމަށް އޭނާގެ އަނބިކަނބަލުން އައިމިނަތު ވިދާޅުވި އެވެ. އަދި އަބްދުﷲ ގާޒީ ތުރުކުރައްވައިގެން ހުންނެވި ހެދުން ބަދަލު ކުރެއްވުމަށް ކޮޓަރިއަށް ވަދެވަޑައިގަތުމުގެ ފުރުސަތު ވެސް ސިފައިން ނުދިން ކަމަަށާއި ހެދުން ބަދަލު ކުރެއްވީ ސިފައިންގެ މީހުންގެ ކުރިމަތީގައި ހުންނަވައިގެން ކަމަށް އަނބިކަނބަލުން ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ގެންގޮސް ބަހައްޓާފައިވާ ތަން ސިފައިންގެ ފަރާތުން އެނގިވަޑައިގަތީ 48 ގަޑިއިރު ވުމާ ކައިރިވެފަ ވަނިކޮށް ކަމަށް އޭނާގެ އަނބިކަނބަލުން ވިދާޅުވި އެވެ. އަދި ގިރިފުށީގައި އަބްދުﷲ ގާޒީ ބަހައްޓާފައި ހުރި ދުވަސްތަކުގައި އޭނާއާ ފޯނުން ވާހަކަ ދެއްކެވުނީ ވެސް އެމްއެންޑީއެފް މީހަކު މެދުވެރިކޮށް ކަމަށް އައިމިނަތު ވިދާޅުވި އެވެ. ސޯބިރާގެ ހެކިބަހުގައި ވެސް ބުނީ، އަބްދުﷲ ގާޒީ ގެންދިއުމަށް 10 ވަރަކަށް ސިފައިން ގޭތެރެ އަށް ވަދެ ހަރަކާތްތެރިވީ، ގޭގެ މީހުންގެ ރުހުމުގައި ނޫން ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންދިޔަތާ 24 ގަޑިއިރު ވީއިރު ވެސް، އޭނާ ހުންނެވި ތަނެއް އާއިލާއަށް އެނގިފައި ނުވާ ކަމަށް ސޯބިރާ ބުންޏެވެ. އަބްދުﷲ ގާޒީ ހުންނެވީ ގިރިފުށީގައިކަން އާއިލާ އަށް އެނގުނީ އެމްއެންޑީއެފްގެ ކާނަލް އަބްދުއްރަހީމް އެ ގެއަށް ވަޑައިގެން، އެ މައުލޫމާތު ދެއްވުމުން ކަމަށް ސޯބިރާ ބުންޏެވެ. އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާއި ސޯބިރާގެ ހެކިބަސް ނެގީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ޒިޔާދުގެ ފަރާތުން ވެސް އަދި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވެސް އެ ދެމީހުންނާ އެއްވެސް ސުވާލެއް މިއަދު ކޮށްފައެއް ނުވެ އެވެ. ޒިޔާދުގެ މައްޗަށް ކުރާ ދައުވާގައި، ހެކިންގެ ގޮތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް އަތީފްގެ އިތުރުން ބައެއް މީހުން ހާޒިރުކުރަން ދައުލަތުން ވަނީ އެދިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ރާއްޖޭގައި ނޫޅުއްވާއިރު، ދައުލަތުން ބުނީ އެމީހުން ހާޒިރު ނުކުރުމާ މެދު ގޮތެއް ނިންމޭނީ އެމީހުންނާ ބެހޭ މައުލޫމާތު ފުލުހުން ދިނުމަށް ފަހު ކަމަށެވެ. އަދި އެމީހުންނާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފުލުހުންނަށް އެދިފައިވާތީ، ކޯޓުން ވަނީ އެމީހުން ހާޒިރުކޮށްދިނުމަށް ތިން ދުވަހުގެ މުހުލަތެއް މިއަދު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ