ޕާމް ބީޗް ރިސޯޓުގެ އެގްރިމަންޓާ މެދު ކޯޓުން ގޮތެއް ނިންމުމަށް އަންގައިފި

ޕާމް ބީޗް ރިސޯޓް އެންޑް ސްޕާ ތަރައްގީކޮށް ހިންގުމަށް ސަން ސްޕޯޓިން ހޮލިޑޭސް އާ އެކު ހަދާފައިވާ ސަބްލީޒް އެގްރިމަންޓް ކޯޓުން ބޭރުގައި ބާތިލް ނުކުރެވޭނެ ކަމަށާއި އެ އެގްރިމަންޓާ މެދު ގޮތެއް ނިންމަން ޖެހޭނީ ކޯޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ. މިގޮތަށް އަންގާފައި މި ވަނީ ޕާމް ބީޗް ހިންގުމަށް އެ ރިސޯޓުގެ ވެރިފަރާތް އިބްރާހިމް އަލި މަނިކާއެކު ސަން ސްޕޯޓިން ހޮލިޑޭސް އިން 1999 ވަނަ އަހަރުން ފެށިގެން ހަދާފައިވާ ސަބް ލީޒް އެގްރިމަންޓް އުވާލުމަށް ފޮނުވި ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުމާ އެކުގަ އެވެ. އަދި ކޯޓުގެ އަމުރަށް މިހާރު ވަނީ ބާތިލްކުރި އޮޕަރޭޓިން ލައިސަންސްގެ ބަދަލުގައި ވަގުތީ އޮޕަރޭޓިން ލައިސަންސެއް ސަން ސްޕޯޓިން ހޮލިޑޭސް އަށް މިނިސްޓްރީން ދޫކޮށްފަ އެވެ. އަދި އަލި މަނިކުގެ ފަރާތުން ރިސޯޓާ ހަވާލުވާން ގޮސްތިބި އެންމެން އެރަށުން ބޭލުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ސަބް ލީޒް އެގްރިމަންޓްތަކަކީ އިންވެސްޓަރުންނާ އެކު ހަދާފައިވާ ވަރަށް ބޮޑެތި އެގްރިމަންޓްތަކެއް ކަމަށެވެ. އަދި އެފަދަ އެގްރިމަންޓްތައް ކޯޓަށް ނުގޮސް، ބާތިލް ކުރަން މަސައްކަތް ކުރުމަކީ ޓޫރިޒަމް މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދި ޕާމް ބީޗް އެގްރިމަންޓް ބާތިލް ކުރުމުގެ މައްސަލަވެސް ކޯޓުތަކުގެ ތެރެއިން ހައްލު ކުރުމަށް ދެފަރާތަށް ވެސް މިހާރު އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެސް މިހާރު ދެ ފަރާތަށް އަންގާފައިވާނީ ކޯޓުގެ ތެރެއިން ނިންމާ ގޮތަކަށޭ އެގްރިމަންޓް ބާތިލް ކުރެވޭނީ. އެ ނޫން ގޮތަކަށް އެގްރިމަންޓް ބާތިލެއް ނުކުރެވޭނޭ. މިފަދަ އެގްރިމަންޓްތަކަށް އަޅުގަނޑުމެން އިހުތިރާމް ކުރަން ޖެހޭނެ. އެހެން ވީމާ މީގައި އަޅުގަނޑުމެން ކޯޓުތަކަށް އިހުތިރާމްކޮށްގެން މިކަން ކުރިއަށް ގެންދަން ޖެހޭނީ،" އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަބްލީޒް އެގްރިމަންޓްތައް ކުއްލިއަކަށް ބާތިލް ކުރުމަކީ އެފަދަ އެއްބަސްވުންތަކަށް އިހުތިރާމް ނުކުރުމުގެ ސަގާފަތެއް އުފެދިދާނެ ކަމެއް ކަމަށެވެ. އަދި ސަބް ލީސް ކޮށްފައިވާ ގިނަ ރަށްތަކެއް މިހާރުވެސް ރާއްޖޭގައި ހުރުމާ އެކު އެފަދަ އެގްރިމަންޓްތަކަށް އިހުތިރާމް ކުރުމުގެ ސަގާފަތެއްގެ މުހިންމު ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. "ގިނަ ރަށްރަށް މިހުރީ ސަބްލީސްގެ ދަށުން ދޫކޮށްފައި. އެގޮތަށް ހުރިއިރުގައި މިފަދަ ގޮތަކަށް ސަބްލީސް އެގްރިމަންޓްތައް ބާތިލް ކުރެވިދާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" އަދީބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ