މިނިސްޓަރުންނާއި އަބްދުﷲ ގާޒީ ކޮމިޓީ އަށް ހާޒިރުވެވަޑައެއްނުގެންނެވި!

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ދިރާސާކުރި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ )ކޯނީ(ގެ ރިޕޯޓް ދިރާސާކުރަމުން އަންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިނިސްޓަރުންނާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އަދި ޖޭއެސްސީގެ ރައީސް ހާޒިރުވެވަޑައި ނުގެންނެވުމުން އެ ބައްދަލުވުންތައް ކެންސަލްކޮށްފި އެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ އެ ބޭފުޅުން ވަޑައިނުގެންނެވުމުން ދެން ގޮތެއް ނިންމާނީ ކޮމިޓީން ކަމަށާއި އެކަމަށް ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. މިއަދު ހާޒިރުކުރަން ނިންމާފައި ވަނީ ގާޒީ އަބްދުﷲ މުހަންމަދާއި ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދުގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. މަޖިލީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ކޮމިޓީ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ބުނި ކަމަށާއި ނަމަވެސް ވަޑައިނުގަންނަވާނެކަން އެންގެވީ މިއަދު ކަމަށެވެ. އަބްދުﷲ ގާޒީ ކޮމިޓީ އަށް ވަޑައިނުގެންނެވީ ޖޭއެސްސީ ފިޔަވައި އެހެން ތަނަކަށް ފަނޑިޔާރުން ޖަވާބުދާރީ ވާން ނުޖެހޭނެ ކަމަށް، އެ ކޮމިޝަނުންނާއި ސުޕްރީމް ކޯޓުން ނިންމާފައިވާތީ ކަމަށް މަޖިލީހުގެ އޮފިޝަލް ވިދާޅުވި އެވެ. އަދި މިނިސްޓަރު ނާޒިމް ވަޑައިނުގެންނެވީ ކޯނީ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދަނީ ކޮމިޓީގެ ދާއިރާއިން ބޭރުގައި ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާތީ އެވެ. ހޯމް މިނިސްޓަރު ޑރ. ޖަމީލް މި ވަގުތު ރާއްޖޭން ބޭރުގައި ހުންނެވިއިރު، މިއަދު ކޮމިޓީ އަށް ހާޒިރުވެވަޑައިގަންނަވަން އަންގަވާފައިވާ ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދުގެ ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކޯނީ ރިޕޯޓް ދިރާސާކުރަނީ ގަވާއިދާ ހިލާފަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް ކޮމިޓީގެ މުގައްރިރު ވިދާޅުވަނީ ކޮމިޓީން މަސައްކަތް ކުރަނީ ގަވާއިދުގެ ތެރޭގައި ކަމަށެވެ. އަދި ޖޭއެސްސީ ފިޔަވައި އެހެން ތަނަކަށް ފަނޑިޔާރުން ޖަވާބުދާރީކުރުމުގެ މަސައްކަތެއް ނުކުރެވޭނެ ކަމަށް އެ ކޮމިޝަނުންނާއި ސުޕްރީމް ކޯޓުން ބުނެފައިވާއިރު، އަލީ ވަހީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ކޮމިޓީ އަށް ކޮންމެ ރައްޔިތަކު ވެސް ހާޒިރުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ