ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވަނީ ޔާމީނާއި އުމަރު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު ފޯމް ހުށަހެޅުއްވީ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ކަމަށް އިންތިހާބު ކޮމިޓީން ބުނެފި އެވެ. އެ ކޮމިޓީގެ މުގައްރިރު މުހައްމަދު ތޮލާލު ވިދާޅުވީ ޔާމީނާއި އުމަރުގެ ޝަރުތު ހަމަވާ ނަމަ އެކަން އެ ދެ ބޭފުޅުންނަށް މިއަދު އަންގަވާނެ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު 11:00 ގައި އިންތިހާބުގެ ގުރުލުން ޕީޕީއެމް އޮފީހުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަންނަ މަހުގެ 30 ގައި ބާއްވާ ޕީޕީއެމްގެ ޕްރައިމަރީއަށް ޔާމީނާއި އުމަރު ކުރިމަތިލެއްވިއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުންގެ ބޭބެ އިލްޔާސް އިބްރާހީމް ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ އަޑުތައް ގަދަވި އެވެ. އެކަމަކު ޕްރައިމަރީގައި ވާދަނުކުރައްވަން އިލްޔާސް ވަނީ ނިންމަވައިފަ އެވެ. އިލްޔާސްގެ އިތުރުން ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދު ވެސް ޕްރައިމަރީއަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އެކަމަކު އޭނާ ފަހުން ފެނުނީ އުމަރުގެ ކެމްޕޭން ޓީމާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ