ކޯޓުން މައްސަލަ ނިމޭއިރު ޝައްކުތަކުގެ އެންމެ ފުންމިނަށް ދެވޭނެ: ޔާމީން
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހު 28ގައި ބާއްވާ އިރު އިންތިހާބުގެ ފުރަތަމަ ބުރާ ގުޅޭ ގޮތުން އުފައްދާފައިވާ ޝައްކުތައް ފިލުވަން ޖެހޭ ކަމަށާއި ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލަ ނިމިގެންދާ އިރު އިންތިޚާބާ ގުޅޭ ޝައްކުތަކުގެ އެންމެ ފުންމިނަށް ދެވޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ފުވައްމުލަކުގައި ވިދާޅުވެއްޖެ އެވެ. މިރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމްގެ އަމާޒަކީ އިންތިޚާބަކީ ރައްޔިތުންގެ ވިންދު ތެދުވެރިކަމާ އެކު ހާމަވެގެންދާ ކަމަކަށް ވުން ކަމަށެވެ. އޭނާ ވިދާޅުވީ މި މަހު ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހިނގާފައިވާ ކަން ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށާއި އެހެން ކަމުން، ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލަ ނިމިގެންދާ އިރު އިންތިޚާބާ ގުޅޭ ޝައްކުތަކުގެ އެންމެ ފުންމިނަށް ދެވޭނެ ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުގައި އިންތިޚާބުގެ ދެވަނަ ބުރާ ކުރިމަތިލާ އިރު ކުރިން ކުރިމަތިވި ކަންކަން ވިޔަ ނުދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ތަފާތު އިލްތިމާސްތަކެއް ޕީޕީއެމުން ކޮށްފައިވެ އެވެ. އެގޮތުން، ވޯޓާސް ލިސްޓުގެ ކޮންމެ ގަނޑެއްގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއި ނުވަތަ އިނގިލީގެ ނިޝާން ޖެހުމާއި މަންދޫބުންގެ ހާޒިރުގައި ވޯޓް ކަރުދާސް ޗާޕްކުރުމުގެ އިތުރަށް ކަރުދާސް ގުދަންކުރުމާއި ވޯޓު ލާ މަރުކަޒުތަކަށް ގެންދިއުމުގައި ފުލުހުންގެ ދައުރެއް އޮތުމަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "މިނިވަން، އިންސާފުވެރި އިންތިހާބަކަށް އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ އިންތިހާބަކަށް ހައްދަވާކަމަށް ވަންޏާ ދެވަނަ ބުރުގެ ވޯޓާ ހަމައަށް ދާން ޖެހޭނީ މިކަންތައްތައް ކުރައްވާފައި. އޭރުން ދިވެހި ރައްޔިތުން ގަބޫލުކުރާ ފަދައިން މިނިވަން، އިންސާފުވެރި އަދި ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ވޯޓު ކަރުދާސްކޮޅުގައި ޖަހާ ފާހަގައިން އެނގޭނީ،" އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ ޔާމީން ވިދާޅުވި އެވެ. އިންތިޚާބުގައި އޮޅުވާލުންތައް އޮޅުވާލާފައިވަނީ އިދިކޮޅު އެމްޑީޕީން ކަމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަކީ ކުރައްވާ ކޮންމެ ކަމެއްގައި ވެސް "ލާނެއް ކަމެއް" ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްބީސީން ބޭއްވި ރިޔާސީ ބަހުސްގައި އެއްވެސް ކަރުދާހެއް ހޯލު ތެރެއަށް ވެއްދުން މަނާކޮށްފައި އޮތް ނަމަވެސް ނަޝީދު ތުރުކުރައްވައިގެން ހުންނެވި ކޯޓުގެ ޖީބުން ކަރުދާސްތަކެއް ނެންގެވި އެވެ. "އަޅުގަނޑުމެން ރަށްރަށަށް އައީމަ ތިޔަ ލޮބުވެތި، އިއްޒަތްތެރި ރައްޔިތުން އަޅުގަނޑުމެންނަށް ދެއްވާ މަރުހަބާ އަކީ ހިތުގެ އެންމެ ފުން މިނުން އިހުލާސްތެރިކަމާ އެކު ދެއްވާ މަރުހަބާއަކަށް ވާތީ އަޅުގަނޑުމެންނަށް ހަމަ ގަބޫލުކުރަން އުދަނގޫވެގެން މި އުޅެނީ ކޮން ފަދަ ޖާދުލެއް ބާއޭ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހިމެނިގެން މިއުޅެނީ،" ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީން އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދަށް ތާއީދުކުރަން ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ޑީއާރުޕީގެ ނަމުން އެކަނި ވެސް ބުނެދެނީ ދިވެހި ރައްޔިތުންގެ ވިންދާ ގުޅިފައިވާ ޕާޓީއެއް ކަމަށެވެ. ނަމަވެސް، އޭނާ ވިދާޅުވީ މިހާރު އެ ޕާޓީ ވެފައިވަނީ "ވެރިންގެ ޕާޓީއެއް" ކަމަށެވެ. އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ އެ ޕާޓީން ގަބޫލުކުރަނީ ހާލަތަކީ ތަބީއީ ގޮތުން ބަދަލުވާ އެއްޗެއް ކަމަށާއި ނަމަވެސް ޕީޕީއެމްގެ ތަސައްވުރަކީ އެއީ އަމިއްލަ އަށް ބަދަލުކުރާ އެއްޗެއް ކަމަށެވެ. އެގޮތުން، ހުރިހާ ދާއިރާއަކަށް ޕީޕީއެމުން ހުށަހަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ހާލަތު ބަދަލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މުޅި ދިވެހި ރައްޔިތުން ބޭނުންވަނީ އަނެއް ދިވެހިރާއްޖެ ދޫކޮށްލަން. އަޅުގަނޑުމެން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ތިބިޔަ ދެއްވާށޭ،" އޭނާ ވިދާޅުވި އެވެ. ޔާމީން ފާހަގަކުރެއްވި ގޮތުގައި ޕީޕީއެމްގެ ސިޔާސަތުތަކުގެ ތަފުސީލް ޒުވާނުންނަށް ފުރިހަމަ އަށް އެނގިފައެއް ނެތެވެ. އެހެން ކަމުން، އޭނާ ވަނީ އެކި ދާއިރާތަކުން ހުށަހަޅުއްވާ ސިޔާސަތުތައް މިރޭގެ ޖަލްސާގައި ތަފުސީލް ކޮށްދެއްވައިފަ އެވެ. އެގޮތުން، ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށާއި ފުރިހަމަ ހެލްތު އިންޝުއަރެންސް ނިޒާމެއް ގާއިމުކުރައްވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި "ލާދީނީ ފިކުރަކަށް ޖާގައެއް ނޯންނާނެ" ކަމަށާއި ދީނީ އިލްމުވެރިންނާ އެކު "ކޮނޑާއި ކޮނޑު ޖެހޭ ގޮތަށް" މަސައްކަތް ކުރައްވާނެ ކަމަށެވެ. "ހޭނައްތާ ޑޮކްޓަރެއް ހުރިއްޔާ ފަޅާ ޑޮކްޓަރެއް ނެތް. ފަޅާ ޑޮކްޓަރެއް ހުރިއްޔާ ހޭނައްތާ ޑޮކްޓަރު ހުރީ 30 މޭލު ދުރުގައި،" ސިއްހީ ދާއިރާގެ މިހާރުގެ ހާލަތު ބަޔާންކުރައްވަމުން ޔާމީން ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި ޔާމީން ވަނީ އެމްޑީޕީއާ ދެކޮޅަށް ފުރަތަމަ ބުރުގައި މަސައްކަތްކުރެއްވި ހުރިހާ ސިޔާސީ ލީޑަރުންނާއި ވޯޓް ދިން ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ. އަދި އެމްޑީޕީގެ މެމްބަރުން ވެސް އޭނާ އަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ