އެޗްއާރްސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ބަދަލު ހިފުމެއް: އދ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ އެ ކޮމިޝަނުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ނިޒާމުގެ ތެރޭގައި، ގާނޫނީ ގޮތުން މިނިވަންކަމާ އެކު މަސައްކަތް ކުރަމުން ދާތީ ބަދަލު ހިިފުމުގެ ގޮތުން ކޮށްފައިވާ ހުކުމެއް ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްް ދެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ ގެބްރިއެއްލާ ނައުލް އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންގެ ރެޕަޓުއާ މައިކަލް ފޯސްޓްއާ ހަވާލާދީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި މިހެން ބުނެފައި ވަނީ މިދިޔަ އަންގާރާ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެޗްއާރްސީއެމްގެ މެންބަރުންގެ މައްޗަށް ސުޕްރީމް ކޯޓުން އިސްނަގައިގެން ހިންގި ސުއޮމޯޓޯ މައްސަލަ އަށް ފަހު ކުރި ހުކުމުގައިި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެޗްއާރުސީއެމް އިން ނުކުރުމަށް އަމުރުކޮށް، ކޮމިޝަނުން މަސައްކަތް ކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ގައިޑްލައިނެއް ވަނީ ނެރެފަ އެވެ. ޖުޑީޝަރީގެ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ ރެޕަޓުއާ ގެބްރިއެލާ ނައުލް ނޫސްވެރިންނާ ބައްދަލުކުރައްވަނީ. -- ހަވީރު ފޮޓޯ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އެޗްއާރުސީއެމުން ފޮނުވި ރިޕޯޓެއްގައި ރާއްޖޭގެ ޖުޑިޝަރީއާ ބެހޭގޮތުން ހަގީގަތާ ހިލާފް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން ބެލި މައްސަލަ އަށް ފަހު ކުރި ހުކުމާ ގުޅިގެން އދ. އިން ނެރުނު ބަޔާނުގައި، ކޯޓުގެ ހުކުމާ މެދު އަލުން ވިސްނުމަށް ގޮވާލާފައިވެ އެވެ. "ސުޕްރީމް ކޯޓުގެ ނިންމުމަކީ ހިއުމަން ރައިޓްސް ކޮމިޝަނަށް ގާނޫނީ ގޮތުން ލިބިދީފައިވާ ބާރުތަކާ އެކު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ނިޒާމުގެ ތެރޭގައި މަސަައްކަތް ކުރަމުން ދާތީ ބަދަލު ހިފުމަށް ކޮށްފައިވާ ކަމެއްކަން ވަރަށް ސާފުކޮށް އެނގޭ،" ނައުލް އާއި ފޯސްޓް ވިދާޅުވެފައިވެ އެވެ. ކޯޓުގެ ހުކުމް އައީ އެޗްއާރްސީއެމް އިން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު އަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެންކަން ފާހަގަކުރައްވަމުން އދ.ގެ ދެ އޮފިޝަލުން ވިދާޅުވީ ކޯޓުން ކުރި ހުކުމުގެ ސަބަބުން އެޗްއާރްސީއެމްގެ މިނިވަންކަން ގެއްލިގެން ދާނެ ކަމަށެވެ. އަދި މިއީ މިނިވަންކަމާ އެކު މައުލޫމާތު ހިއްސާކުރުމަށް ދީފައިވާ ބާރު ވެސް އެޗްއާރްސީއެމް އަށް ގެއްލިގެން ދިއުން ކަމަށް ވިދާޅުވެފައިވެ އެވެ. އެ ބޭފުޅުންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެޗްއާރްސީއެމްގެ މައްޗަށް ކުރި ހުކުމް، ރާއްޖެ އިން ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކަށް ވެސް ހުރަސް އެޅިގެން ދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އެޗްއާރްސީއެމް އަށް ލިބިފައިވާ ބާރުތަކާ ވެސް ފުށުއަރާ ނިންމުމެއް ކަމަށް ފާހަގަކުރައްވާފައިވެ އެވެ. މީގެ އިތުރުން، އެޗްއާރްސީއެމްގެ މެެންބަރުގެ މައްޗަށް ޝަރީއަތް ހިންގާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދިވެހި ސަރުކާރަށް ފޮނުވި ސިޓީއަށް މިހާތަނަށް ވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މި ބޭފުޅުންގެ ބަޔާނުގެ އިތުރުން މިއަދު ވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ވެސް ސުޕްރީމް ކޯޓުގެ ހުކުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާގެ ބަޔާނުގައި ވެސް ވިދާޅުވެފައި ވަނީ ކޯޓުގެ ހުކުމުގެ ސަަބަބުން އެޗްއާރްސީއެމްގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ