ރައީސް ހުންނެވީ ރިޔާސީ ބަޔާން އިއްވަވަން ތައްޔާރަށް: ތަރުޖަމާނު

ރިޔާސީ ބަޔާން އިއްވަން ބަޔަކު ހުރަސް އެޅި ނަމަވެސް ރިޔާސީ ބަޔާން އިއްވުމަކީ ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އުފުއްލަވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތަކަށްވާތީ އެކަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމާއިމެދު ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު އަޙްމަދު ތައުފީގު ވިދާޅުވީ ރިޔާސީ ބަޔާން އިއްވުމަށް ރައީސް ވަހީދާއި ސަރުކާރުން ވާންޖެހޭ ތައްޔާރީތައް ވެނިމިފައިވާ ކަމަށާއި
ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަމާންކަމާއި އޮމާންކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރަމުންގެންދާ ކަމަށެވެ.
ތައުފީޤު ވިދާޅުވީ މާދަމާގެ ޖަލްސާ އޮމާންކަމާއިއެކު ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ރިޔާސަތުން ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށާއި
މާދަމާގެ ޖަލްސާ އޮމާންކަމާއިއެކު ކުރިއަށްދާނެ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ.
ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވަވާ ތައުފީޤު ވިދާޅުވީ މާދަމާގެ ޖަލްސާއަށް ދައުލަތާއި ސަރުކާރުގެ އިސްވެރިންނާއި، ބޭރު ޤައުމުގެ ތަކުގެ ޑިޕްލޮމޭޓުން ވަޑައިގަންނަވާއިރު، ޖަލްސާ ހުއްޓުވުމަށްޓަކައި ހިންގާ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ތަސައްވުރު ބޭރު ދުނިޔޭގައި ގެއްލިގެންދާނެ ކަމަށެވެ. އެހެންކަމުން އެފަދަ ހަޑިމުޑުދާރު އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ސަރުކާރުން ގޮވާލާ ކަމަށެވެ.
"ރިޔާސީ ބަޔާން އިއްވުމަށް ރައީސްއަށް ފުރުސަތު ދެއްވުމަކީ މަޖިލީހުގެ މެންބަރުން ވެސް ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމެއް. އެއީ ޤައުމީ ވާޖިބެއް ކަމުގައި ދެކިގެން މާދަމާގެ ޖަލްސާ އޮމާންކަމާއިއެކު ކުރިއަށް ގެންދަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ބާއްވާ ޖަލްސާއަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ރޭ ވަނީ ދެއްވާފަ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މާދަމާ ބާއްވާ ޖަލްސާއަށް ހުރަސް އެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ