ޕީޕީއެމް ބައިބައިވެދާނެ ކަމެއް ނުކުރަން ޔާމީނާއި އުމަރު ކިބައިން މައުމޫން އެދިވަޑައިގެންފި

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ދެ ބޭފުޅުންނާއި ދެ ބޭފުޅުންނަށް ތާއީދު ކުރާ މެންބަރުން ވެސް ޕާޓީގެ މަސްލަހަތު ގެއްލި ޕާޓީގެ އެއްބައިވަންތަ ކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކަމެއް ނުކުރަން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.
ބަޔާނެއް މެދުވެރިކޮށް ރައީސް މައުމޫން މިއަދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އަބްދުﷲ ޔާމީނާއި އުމަރު ނަސީރަކީ ޕާޓީގެ ވަރަށް އިސް ދެ ބޭފުޅުން ކަމަށާއި ޕާޓީއަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި ދެ ބޭފުޅުން ކަމަށެވެ. އަދި ދެ ބޭފުޅުންނަށް ވެސް ހެޔޮ އެދުންތައް ފާޅުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ބޮޑު ޓެސްޓަކީ، އިންތިޚާބު ނިމުމަށްފަހު ވެސް އެންމެން އެކަތިގަނޑަކަށް ވެގެން ތިބުން. ކަމަށާއި ބައިބައިވެގެން ނުދިޔުން ކަމަށެވެ.
"އެ ދެ ކެންޑިޑޭޓުން ވެސް، އަދި އެ ދެ ބޭފުޅުން ތާއީދުކުރައްވާ ހުރިހާ ބޭފުޅުން ވެސް، ޕާޓީގެ ތެރޭގައި މަޞްލަޙަތު ގެއްލޭގޮތަށް ނުވަތަ ޕާޓީގެ އެއްބައިވަންތަ ކަމަށް ބުރޫ އަރާ ގޮތަށް އެއްވެސް ކަމެއް ނުކުރެއްވުމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސް ކުރަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރިޔާސީ ޕްރައިމަރީ ވެފެއި ވަނީ ވަރަށް ވާދަވެރި އިންތިޚާބަކަށް. ކަމަށާއި ޑިމޮކްރަސީގައި އެހެން ދިމާވާއިރު ވާދަވެރިކަމުގެ ތެރޭގައި ހިތްހަމަ ނުޖެހޭފަދަ ބައެއް ކަންތައްތައް ހިސާބަކަށް ފެނިގެން ދިޔަނަމަވެސް، ޖުމްލަ ގޮތެއްގައި މިއިންތިޚާބުގެ ކަންތައްތައް ހިނގަމުންދަނީ، އަދި ހިނގަމުންދާނީ ވެސް، ވަރަށް ރަނގަޅަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"ކޮންމެ އިންތިޚާބެއްގައި ވެސް، މޮޅުވުމުގެ ނަސީބު ލިބޭ ފަރާތަކާއި އެނަސީބު ނުލިބޭ ފަރާތެއްވާނެ. ޑިމޮކްރަސީގެ އެންމެ ބޮޑު ޓެސްޓަކީ، އިންތިޚާބު ނިމުމަށްފަހު ވެސް އެންމެން އެކަތިގަނޑަކަށް ވެގެން ތިބުން. ބައިބައިވެގެން ނުދިޔުން." މައުމޫން ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑު ޕްރައިމަރީގައި ކުރިހޯއްދަވާ ކެންޑިޑޭޓަކާއެކުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތުގައި މާތް ﷲ ގެ ވާގިފުޅާއެކު ދެމިހުންނާނެ ކަމުގެ ޔަޤީންކަން، ތިޔަ ލޮބުވެތި ހުރިހާ މެންބަރުންނަށް އަރުވަން."
މައުމޫން ވިދާޅުވީ ދެ ކެންޑިޑޭޓުންނާ އެދެބޭފުޅުންނަށް ތާއީދުކުރައްވާ ހުރިހާ މެންބަރުންވެސް، އެންމެން އަތާއަތް ގުޅާ ލައްވައިގެން އެމަނިކުފާނާއެކު މަސައްކަތުގައި އިޚްލާޞްތެރިކަމާ ސާބިތު ކަމާއެކު ބައިވެރިވެ ވަޑައިގެން ދެއްވުން އަޅުގަނޑު ނިހާޔަތަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު. ބާއްވާއިރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ އިންސާފުވެރި، އެންމެ ހާމަކަންބޮޑު، އެންމެ ޑިމޮކްރެޓިކް ޕްރައިމަރީއަށް ވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި އެ މިޕްރައިމަރީ ވެގެންދާނީ ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ހަރުދަނާ، މިޒަމާނުގެ ޑިމޮކްރަސީގެ އުސޫލުތަކަށް އެންމެ ލޯބިކުރާ ޕާޓީކަމަށް ވުމުގެ ރީތި ނަން ލިބިގެންދާ ޕްރައިމަރީއަށް ކަމަށެވެ.
"މި ރީތި ނަން، ޕީ.ޕީ.އެމަށް ލިބިގެންދާނީ، އަޅުގަނޑުމެން އެންމެންވެސް ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ޤަވާޢިދާއި، ޕާޓީގެ އިންތިޚާބު ތަކާބެހޭ ޤަވާޢިދާއި އަދި ޑިމޮކްރަސީގެ ރީތި ހަމަތަކާ، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކޮށްގެން."
ރައީސް މައުމޫން ވިދާޅުވީ އެކަން ހާސިލު ކުރުމަށް މެންބަރުންނާއި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ވެސް ޒިންމާއެއް އެބައޮތް ކަމަށާއި އެންމެންގެ ޒިންމާ ފުރިހަމަގޮތުގައި އަދާކުރަން އެދި ވަޑައިގަންނަވާ ކަމަށެވެ.
ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ވޯޓު ލާން ހުރިހާ މެންބަރުން ނުކުތުމަށާއި އެންމެންގެ ވެސް އެންމެ މުހިންމު މަޤްޞަދަކަށް ވާންވާނީ، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަކީ، ވަރަށް މިނިވަން، ވަރަށް އިންސާފުވެރި، އަދި ވަރަށް ހާމަކަން ބޮޑު ޕްރައިމަރީއަކަށް ހެދުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ