ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޗުއްޓީއަށް އެދިފައިވީނަމަވެސް އެމަނިކުފާނަށް އިތުރަށް ޗުއްޓީ ނުދެއްވުމަށް ހުޅުމާލެ ކޯޓުން ނިންމައިފިއެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޖުޑިޝަރީގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ރައީސް ނަޝީދަށް އިތުރު ޗުއްޓީއެއް ނުދެއްވުމަށް ހުޅުމާލެ ކޯޓުން ނިންމީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ ހުޅުމާލެ ކޯޓުން ނަޝީދަށް ޗުއްޓީ ނުދެއްވުމަށް ނިންމީ ނަޝީދާއި ދެކޮޅަށް އެކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތަށް ނަޝީދު އެއްބާރުލުން ދެއްވަމުން ނުގެންދަވާތީ ކަަމަށެވެ.
ރައީސް ނަޝީދު ހުޅުމާލެ ކޯޓުގައި ޗުއްޓީއަކަށް އެދިވަޑައިގެންފައިވަނީ މިމަހުގެ ހަތާވީހުން އަންނަ މަހުގެ ފަހަކަށެވެ.
ވީނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު ރާއްޖެއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އަބޫދާބީގައި ބާއްވާ އަބޫދާބީ ޑޮކިއުމެންޓްރީ ފިލްމް ކުލަބު ސީޒަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދިނުމަށް އަރުވާފައިވާ ދައުވަތަކާއި ގުޅިގެން އަބޫދާބީއަށް ވަޑައިގެންނެވުމަށެވެ.
ރައީސް ނަޝީދު ވަނީ މިމަހުގެ 4 ން 7 އަށްވެސް ޗުއްޓީއެއް ނެންގެވުމަށްފަހު އިންޑިޔާއަށް ވަޑައިގެންފައެވެ.
ރައީސް ނަޝީދު ޗުއްޓީއަށް އިންޑިޔާއަށް ވަޑައިގެންނެވީ އެމަނިކުފާނާއި ދެކޮޅަށް ކޯޓުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުން މިމަހުގެ ދިހަވަނަ ދުވަހަށް ތާވަލްކޮށްފައިވަނިކޮށެވެ. ނަމަވެސް ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގަތް ނަޝީދު ވަނީ ޗުއްޓީގެ މުއްދަތު އިތުރުކުރުމަށް ހުޅުމާލެ ކޯޓުގައި އެދިވަޑައިގެންފައެވެ. ނަމަވެސް ކޯޓުންވަނީ އެކަށީގެންވާ ވަރަށް ޗުއްޓީ ދެވިފައިވާ ކަމަށް ބުނެ އިތުރު ޗުއްޓީއެއް ނަޝީދަށް ދެވެން ނެތް ކަމަށް އަންގާފައެވެ.
ނަޝީދަށް އިތުރު ޗުއްޓީއެއް ނުދެއްވުމަށް ހުޅުމާލެ ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ