އިނގިލީގެ ނިޝާނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ދާން އިލެކްޝަނުން ބޭނުމެއް ނުވޭ: ޔާމީން

ރީ-ރެޖިސްޓްރީކުރާ ފޯމުގައި ޖަހާ އިނގިލީގެ ނިޝާނުގެ ސައްހަކަން ދެނެގަތުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ވެސް އިލެކްޝަންސް ކޮމިޝަނުން ބޭނުން ނުވާ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލާ މީހުން ރެޖިސްޓްރީކުރާ އިރު ފޯމުގައި ޖަހާ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމުގެ ގާބިލްކަން އިލެކްޝަންސް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށް ކޮމިޝަނުން ބުނެފައިވާތީ އެކަމާ ފުއާދުއާ މިއަދު ފޯނުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި އިނގިލީގެ ނިޝާނުގެ ސައްހަކަން ކަށަވަރު ނުވާ ނަމަ ވޯޓު ލާ މީހުންގެ ލިސްޓުގައި ސޮއިކުރަން ދަތި ވާނެ ކަމަށް ފުއާދަށް ދެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިނގިލީގެ ނިޝާން ސައްހަ ކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ދެންނެވުމުން އެކަމާ ފުއާދު ދެކޮޅު ހެއްދެވި ކަމަށް ޔާމީން ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ، ޔާމީން ވިދާޅުވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން އިސްވެ އެއްވެސް ކަމެއްގައި ސުޕްރީމް ކޯޓަށް ވަޑައިނުގަންނަވާނެ ކަމަށާއި ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް "ވީވަރަކުން" ތަބާ ވާނެ ކަމަށެވެ. ރެޖިސްޓްރީކުރާ ފޯމުގައި އެންމެ މަދުވެގެން އެއް އިނގިލީގެ ނިޝާން ޖަހަން ޖެހޭ އިރު އެއިގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުންނަށް ނުވަތަ ޑިޕާޓްމެންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން )ޑީއެންއާރު( އަށް ހުށަހަޅަން ފުއާދަށް ދެންނެވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެ ދެ ތަނުގެ ޑޭޓާބޭސްގައި ވެސް ހުރިހާ ރައްޔިތުންގެ އިނގިލީގެ ނިޝާން ނުހުރެދާނެ ކަމަށް ފުއާދު ވިދާޅުވި ކަމަށް ޔާމީން ވިދާޅުވި އެވެ. "ނަމަވެސް އަޅުގަނޑު ދެންނެވިން ޕޮލިހަށާއި ޑީއެންއާރަށް ވެސް ހުށަހެޅުއްވީމަ ނޫންހޭ އެނގޭނީ އެއީ ކުރެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯ ވެސް. ފުއާދުމެން ވެސް ބޭނުންފުޅު ވަނީ ސައްހަ އިންތިޚާބެއް ބޭއްވުމަށް ނޫންތޯއޭ. އެހެންވީމަ، ކީއްވެތޯއޭ ހުށަނާޅުއްވަން ތި މަސައްކަތްކުރައްވަނީ،" ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ދީފައިވާ ގައިޑްލައިންގައިވާ ކަންތައްތައް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުރެވޭނެތޯ ބެލުމަށް ކޯޓަށް ދާން ވެސް ކޮމިޝަނުން ބޭނުމެއް ނުވެ އެވެ. ނަމަވެސް ޔާމީން ވިދާޅުވީ އެއީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށާއި އެއީ ސިޔާސީ ޕާޓީތަކުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ޔާމީން ދެއްކެވި ވާހަކައާ ބެހޭ ގޮތުން ފުއާދު ތައުފީގުގެ ޚިޔާލެއް ހޯދަން ގުޅުމުން އޭނާއާ ބައްދަލުކުރެވޭ ގޮތައް ނުވި އެވެ. އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމުގެ ގާބިލްކަން ކޮމިޝަންގައި ނެތް އިރު، އިނގިލީގެ ނިޝާން ސައްހަތޯ ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ ހޮނިހިރު ދުވަހު އަލުން އިންތިޚާބު ބާއްވާއިރު، ރެޖިސްޓްރީކުރަން ހުށަހަޅާ ހުރިހާ ފޯމްތަކެއްގެ އިނގިލީގެ ނިޝާން ޗެކްކުރުމަކީ ވަގުތުގެ ގޮތުން ވެސް ކުރަން ދަތިވެދާނެ ކަމެކެވެ. ނަމަވެސް ރެޖިސްޓްރީ އަށް ހުށަހަޅާ ފޯމްތަކުގެ ތެރެއިން ފޯމެއްގައި މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ ފުލުހުން މެދުވެރިކޮށް އިނގިލީގެ ނިޝާން ސައްހަތޯ ބަލާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ