އެހީދޭ ފަރާތްތަކުގެ ބައިވެރިވުން ސިއްހީ ދާއިރާގެ ކުރިއެރުމަށް މުހިންމު: މިނިސްޓަރު

ސިއްހީ ދާއިރާ ކުރިއެރުވުމުގައި އެހީ ދޭ ފަރާތްތަކުގެ ބައިވެރިވުން މުހިންމު ކަމަށާއި ނަމަވެސް ރާއްޖޭގައި ސިއްހީ ދާއިރާ ކުރިއަރުވަން އެހީ ދޭ ފަރާތްތައް ވަރަށް މަދު ކަމަށް ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ. ސިއްހީ ދާއިރާ އަށް ކުރާ ހޭދަ ދެނެގަތުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)ގެ އެހީގައި ރާއްޖޭގައި ކުރި ފުރަތަމަ ދިރާސާ، "މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް: ޑިސެމިނޭޝަން އޮފް ދަ 2011 ސާވޭ"އާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޓްރޭޑާސް ހޮޓެލްގައި މިއަދު އޮތް ބައްދަލުވުން ފައްޓަވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާ އަށް ކުރާ ހޭދައިގައި "ޑޯނާ ފަންޑްސް" ނުވަތަ އެހީދޭ ފަރާތްތަކުގެ ހިއްސާއަކީ ތިން ޕަސެންޓް ކަމަށް ދިރާސާ އިން ދައްކާ ކަމަށާއި އެއީ އިގްތިސާދީ ގޮތުން ރާއްޖެއާ އެއް ހަމައިގެ ގައުމުތަކާ އަޅާ ބަލާއިރު ދަށް މިންވަރެއް ކަމަށެވެ. "ރާއްޖޭގެ ސިއްހީ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެންމެ މުހިންމު އެއް ތަޅުދަނޑިއަކީ ޕާޓްނާޝިޕް،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެކި ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ވެސް މިނިސްޓަރު ގޮވައިލެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ދިރާސާ އަށް ބަލާއިރު، ދުޅަހެޔޮ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތް ހާސިލްނުކުރެވި އޮތީ ކީއްވެގެންކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ސިއްހީ ދާއިރާ އަށް ބޮޑު ހޭދައެއް ކުރި ނަމަވެސް އެ ފައިސާ ހޭދަކުރެވެނީ އެންމެ ރަނގަޅު މަގުން ނޫން ކަމަށެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށް ވުރެ އިސްކަންދެވިފައި ވަނީ ފަރުވާ ދޭނެ މަގުތައް ތަނަވަސްކުރުމަށް ކަމަށާއި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ވަސީލަތްތައް ތަރައްގީކޮށް ހޭދަތައް ކުރަންޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޑރ. ޖަމްޝީދު ވިދާޅުވީ ސިއްހީ ދާއިރާ ބައްޓަންކުރުމާއި ސިޔާސަތު ކަނޑައެޅުމުގައި މިފަދަ ދިރާސާއެއްގެ މުހިންމުކަން ބޮޑު ކަމަށާއި މީގެ ސަބަބުން ހަރަދުތައް މެނޭޖްކުރުމުގައި ގެންނަންވީ ބަދަލުތައް ވަރަށް ބޮޑަށް އެނގިގެން ދާނެ ކަމަށެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ ސިއްހީ ދާއިރާ އަށް ހޭދަކުރެވެނީ ކޮން ގޮތަކަށް ކޮން ބަޔަކަށް އަދި ކިހިނެއްތޯ ދެނެގަނެ އާބާދީ އަށް ބެހިގެންދާ ގޮތް ބަލައި ކުރިއަށް ރަނގަޅުކުރަންވީ ކަންކަން ދެނެގަތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރުގެ އިތުރުން މި ދިރާސާއާ ބެހޭ ގޮތުން ޑަބްލިޔު.އެޗް.އޯގެ ރެޕްރެޒެންޓެޓިވް ޑރ. އަކްޖެމާލް މަގްޓިމޯވާ އާއި އޮމަތު އައްޒާމް ވެސް ވަނީ މމައުލޫމާތު ދެއްވައިފަ އެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ އިތުރުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ސިއްހީ ދާއިރާގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ