ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ އެކަށީގެންވާކަމެއް: އުމަރު

ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕީޕީއެމުން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ އެކަށިގެންވާކަމެއްކަމަށް އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އަމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސީއެންއެމަށް ދެއްވި ހާއްސަ އިންޓަވިއެއްގައި އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ އެންމެ ރަނގަޅު އުސޫލަކީ ޕްރައިމަރީއެއް ބާއްވައިގެން ކެންޑިޑޭޓަކު ހޮވުން ކަމަށާއި އެކަމަށްޓަކައި ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީގައި ވާދަކުރުމާމެދު އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށެވެ.
" ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ އެކަށީގެންވާކަމެއް. ނަމަވެސް 2013 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމާ މެދު އަދި ގޮތެއް ނިންމަވާފައިނުވޭ،" ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.
ޕާޓީގެ ރިޔާސީ ރޭހުން ފެނިގެން ހިނގައިދާނެކަމަށް އުމަރު ވިދާޅުވިއިރު، އެ ޕާޓީގެ ޕަލަމެންޓްރީ ގްރޫޕުގެ ލީޑަރ އަބުދުﷲ ޔާމީން ވިދާޅުވެފައިވަނީ ޕާޓީގެ ވަގުތީ ރައީސް އަދި ޔާމީނުގެ ބޮޑުބޭބެ މައުމޫނު އަބުދުލް ގައްޔޫމް އިންތިހާބުގައި ވާދަނުކުރައްވާ ނަމަ އޭނާ ވާދަކުރައްވާނެކަމަށެވެ.
އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެންމެ ގާބިލް ޕާޓީއަކީ ޕީޕީއެމް ކަމަށާއި އެހެން ޕާޓީތައް ގޮވައިގެން އިންތިހާބަށް ނިކުތުމަށް ވެސް އެންމެ ރަނގަޅު ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވާނެ އުސޫލެއް މިހާތަނަށް ކަނޑައަޅާފައެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ