ގާޒީ ބަދަލުކުރުމާ މެދު ގޮތެއް ނުނިމޭތީ އުމަރުގެ ޝަރީއަތް ކެންސަލް
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރުމަށް އުމަރު ހުށަހެޅުއްވުމުން އެކަމާ މެދު ގޮތެއް ނުނިމޭތީ މިއަދުގެ ޝަރީއަތް އެހެން ދުވަހަކަށް ފަސްކޮށްފި އެވެ. ރާއްޖޭގެ އަމާންކަމަށް ގެއްލުން ލިބިދާނެ ފަދަ ވާހަކައެއް ދެއްކެވި ކަމަށް ބުނެ އުމަރުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ (ޑީޑީ) ގެ ބަދަލުގައި އެހެން ގާޒީއަކު ހަމަޖައްސައިދިނުމަށް އެދިވަޑައިގެން އުއްތަމަ ފަނޑިޔާރަށާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށް އުމަރު ވަނީ ސިޓީ ފޮނުއްވައިފަ އެވެ. އެ ސިޓީއާ މެދު ވަކި ގޮތެއް ނިންމެވިކަމެއް ނޭނގެ އެވެ. އެކަމަކު އެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކުރީ ގާޒީ ޑީޑީ ސެކްޝަންގަ އެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު 12:00 ގައި ބާއްވަން ތާވަލްކުރި އެ އަޑުއެހުން ކެންސަލްކުރީ ގާޒީ ބަދަލުކުރަން އެދިފައިވާ އެދުމާ މެދު ގޮތެއް ނުނިންމޭތީ ކަމަށެވެ. އެ ޝަރީއަތުގައި މިއަދު ބާއްވަން އޮތީ ފަހު އަޑުއެހުމެވެ. އެނގިފައިވާ ގޮތުގައި ގާޒީ ބަދަލުކުރުމާ މެދު ގޮތެއް ނުނިންމޭތީ މިއަދުގެ އަޑުއެހުން ކެންސަލްކޮށް ދިނުމަށް އުމަރުގެ ވަކީލުން ކޯޓަށް ސިޓީ ވެސް ފޮނުވި އެވެ. އެކަމަކު އެ ސިޓީ ކޯޓުން ބަލައިނުގަތް ކަމަށް ވަނީ އެނގިފަ އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ވަޒީރެއްގެ މައްޗަށް ޖިނާއީ ޝަރީއަތެއް ހިންގާ ފުރަތަމަ ފަހަރެވެ. ގާޒީ ބަދަލުކޮށްދޭން އުމަރު އެދިވަޑައިގެންފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ މައްޗަށް ދައުލަތުން ކުރާ ބަނގުރާ އެތެރެ ކުރުމުގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ސިޔާމްގެ އެދިވަޑައިގަތުމުގެ މަތިން ވަނީ ބަދަލުކޮށް ދީފަ އެވެ. ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒް އެ މައްސަލަ ބައްލަވަމުން ގެންދަވަނިކޮށް އޭނާ އަތުން އެ މައްސަލަ ނެގުމަށް ފަހު މިހާރު ބައްލަވަނީ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ