މަޑޫގަލި ރިސޯޓާ ހަވާލުވުމުގައި ބްލޫ ލެގޫންސަށް އެހީތެރިވުމަށް ކޯޓުން އަމުރުކޮށްފި

ފެންވަރު ދަށްވުމުގެ ސަބަބުން ޓޫރިޒަމް މިނިސްޓްރީން ޖޫރިމަނާކޮށްފައިވާ އއ. މަޑޫގަލި ރިސޯޓް ހިންގަމުން އަންނަ ބްލޫ ލެގޫންސް އިންވެސްޓްމަންޓަށް އެހީތެރިވުމަށް ފުލުހުންނަށް އަންގައި، ކުންފުނީގެ ކުރީގެ ދެ މުވައްޒަފަކު ގަދަކަމުން ނަމަވެސް ރަށުން ބޭލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. ހޮނިހިރުދުވަހުގެ ރޭ ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ސޮއިކޮށް ނެރުއްވި އަމުރުގައިވަނީ ރިސޯޓް ކުރިން ހިންގަމުންދިޔަ ބްލޫ ލެގޫންސްގެ ހިއްސާދާރެއް ކަމަށްވާ ހުސައިން ޝަރީފްގެ ކިބައިން އެ ރިސޯޓް ހިންގުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އޭނާ އެ ކުންފުންޏަށް ފޮނުވާފައިވާ ސިޓީން އެނގެން އޮތުމުން ރިސޯޓް ހިންގުމާ ކުންފުނިން ހަވާލުވާންޖެހޭ ކަމަށެވެ. ނަމަވެސް އެކަމަށް ބައެއް މުވައްޒަފުން ހުރަސް އަޅާ، ރިސޯޓްގައި ހުރި ކުންފުނީގެ ލިޔެކިޔުންތައް ހިފަހައްޓާފައިވާތީ އެކަމަށް އެހީތެރިވުމަށް ފުލުހުންނަށް އަންގާ ކަމަށް އެ އަމުރުގައިވެ އެވެ. ހަމަ އެހެންމެ ކުންފުނީގެ ވަޒީފާއިން މިހާރު ވަކިކޮށްފައިވާ ސ. ފޭދޫ އެވަރެސްޓް އަބްދުﷲ ސޯލިހާއި މުހައްމަދު އިމްރާން ނަމަކަށް ކިޔާ ޏ. ފުވައްމުލަކު މީހަކަށް އެ ރިސޯޓްގައި ތިބުމުގެ ހައްގު ނެތުމުން އެ ދެ މީހުން އަމިއްލައަށް އެ ރިސޯޓުން ނުފާބައިފި ނަމަ ގަދަކަމުން ވެސް ބޭލުމަށް އަންގާ ކަމަށް އެ އަމުރުގައިވެ އެވެ. މަޑޫގަލި ރިސޯޓްގެ ފެންވަރު ދަށްވުމުގެ ސަބަބުން ބްލޫ ލެގޫންސް ޖޫރިމަނާކުރުމުން އެ ކުންފުނިން ބުނަމުންދަނީ އެ ފައިސާ ދައްކާނީ ކޯޓަށް ގޮސްގެން، އެ ކޯޓުން އަންގާ ގޮތެއްގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ