ރައްޔިތުން ނިކުމެ މަނަދޫ ކައުންސިލް އިދާރާ ބަންދުކޮށްފި

ނ. މަނަދޫ ރައްޔިތުން ނިކުމެ ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން އެރަށު ކައުންސިލް އިދާރާ ބަންދުކޮށްފިއެވެ.
ކައުންސިލް އިދާރާ ކައިރިއަށް އެއްވެފައި ތިބި މީހުންގެ ތެރެއިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މަނަދޫ ކައުންސިލް އިދާރާ ބަންދުކޮށްފައިވަނީ އެރަށުގައި ތަރައްގީކުރުމަށް ނިންމާފައިވާ ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއު ލަސްވެ ވާނުވާ ނޭނގި ގިނަ ދުވަސްވެގެންދާތީ ކަމަށެވެ.
ކައުންސިލް އިދާރާ ކައިރިއަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ޝުއޫރު ފާޅުކުރަމުންދާކަމަށާއި ހެނދުނުން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު ކައުންސިލް އިދާރާ ކައިރީގައި ތިބިކަމަށް އޭނާ ބުންޏެވެ.
ކައުންސިލް އިދާރާ ބަންދުކޮށްގެން ތިބި މީހުންގެ ތެރެއިން މީހަކު ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ އެމީހުން ކައުންސިލް އިދާރާ ހުޅުވާނީ މި މައްސަލާގައި ޖަވާބެއް ލިބުމުން ކަމަށެވެ. ޖަވާބެއް ނުލިބޭނަމަ އަންނަ ހަފްތާގައިވެސް ކައުންސިލް އިދާރާ ބަންދުކުރަން ނިންމާފައި ވާކަމަށްވެސް ސީއެންއެމްއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
"އަޅުގަނޑުމެން ކައުންސިލް އިދާރާ ހުޅުވާނީ ޖަވާބެއް ލިބުމުން. މިހެން ކަންތައް ކުރަން ޖެހުނީ ބޭރު އިންވެސްޓަރަކު މިރަށުގައި ސިޓީ ހޮޓަލެއް ހަދަން ޝައުގުވެރިކަން ފާޅު ކުރާތާ އެތައް ދުވަހެއް ވީއިރުވެސް އެކަމަށް ސަރުކާރުން ޖަވާބެއް ދީފައި ނުވާތީ. ރައްޔިތުން ބޭނުންވޭ އެ ހޮޓާ މިރަށުގަ އަޅަން،" ސީއެންއެމްއަށް މައުލޫމާތު ދެމުން އެރަށު މީހަކު ބުންޏެވެ.
މަނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީހުވިދާޅުވީ ކައުންސިލް އިދާރާ ބަންދުކޮށްފައިވާކަމަށާއި އިދާރާ ބަންދުކޮށްފައިވަނީ އެ ރަށުގައި އަޅަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިއުލާނު ކޮށްފައިވާ ސިޓީ ހޮޓާ އެޅުމަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ނުދީގެން ކަމަށް އެއްވެފައި ތިބި މީހުން ބުނާކަމަށެވެ.
ނަސީހު ވިދާޅުވިގޮތުގައި ބިމުގެ ހުރިހާ ކަމެއް މިހާރު ހައުސިން މިނިސްޓްރީ އާއި ކައުންސިލާގުޅިގެންކޮށް ނިންމާފައި ކަމަށާއި ހުއްދަ ލިބުމާއެކު އިންވެސްޓަރާ ވާހަކަ ދައްކައިގެން މަސައްކަތް ކުރިއަށްގެންދެވޭނެ މަގެއް ހޯދޭނެއެވެ.
"ޓޫރިޒަމް މިނިސްޓްރީން އަދިވެސް ވަކި ޖަވާބެއް ނުދޭ. އަޅުގަނޑުމެން މިހާރު ވާނެ އަވަސް ސިޓީއެއްވެސް މިކަމާ ގުޅިގެން ފޮނުވާފައި. މިހާރު މި ތިބީ ޖަވާބެއްގެ އިންތިޒާރުގައި. ކުރިން ޓޫރިޒަމް މިނިސްޓްރީން ބުނީ މިކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމޭނީ ކެބިނެޓުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް،" ނަސީހު ވިދާޅުވިއެވެ.
މަނަދޫ ކައުންސިލުންވެސް ވަނި އެ ރަށުގައި ސިޓި ހޮޓާ ހަދަން ބޭރުގެ އިންވެސްޓަރަކު ޝައުގުވެރިކަން ފާޅު ކޮށްފައި ވާކަމަށް ބުނެފައެވެ. އަދި މި މަހުގެ ނިޔަލަށް ޖަވާބު ނުލިބިއްޖެނަމަ އިންވެސްޓަރު އެކަމަށް އިތުރަށް ބޭނުން ނުވާ ކަމަށް މި މަހުގެ ކުރީކޮޅު ކައުންސިލަށް އަންގާފައި ވާކަމަށް ކައުންސިލްގެ ރައީސް ސީއެންއެމް އަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ