ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި، އެ ދާއިރާ އަށް ޕީޕީއެމުން ވާދަކުރެއްވި އަލީ އިބްރާހިމް ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު ބޭއްވިއިރު ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އަޑުއެހުންތައް ނިމުނީ ކަމަށާއި ހުކުމް ކުރާނެ ދުވަސް ފަހުން އަންގާނެ ކަމަށެވެ. ނަމަވެސް ހުކުމް ކުރާނެ ވަކި ދުވަހެއް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ. މިއަދުގެ އަޑުއެހުމުގައި، ދައުވާ އިއްވަމުން އަލީގެ ވަކީލް އަބްދުލްހަންނާނު އަހުމަދު ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބަށް ނުފޫޒު ފޯރާފައިވާ ކަމަށެވެ. އެގޮތުން ރިޝްވަތުން ދިނުމުގެ ކަންތައްތަކެއް، އެ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވަކީލު ވިދާޅުވި ގޮތުގައި އެކަން ކުރީ އިދިކޮޅު އެމްޑީޕީން އެ ދާއިރާ އަށް ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު އަސްލަމެވެ. ހަންނާން ވިދާޅުވީ ހިތަދޫ ސްކޫލްގައި ބެހެއްޓި ވޯޓު ފޮށީގެ ކަން ހިނގާ ދިޔަ ގޮތުގެ ރިޕޯޓުގައި، ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށްފައި ނެތް ކަމަށެވެ. އެހެން ކަމުން އެ ދާއިރާގެ އިންތިޚާބު ބާތިލްކޮށް، އިންތިޚާބު އަލުން ބޭއްވުމަށް އަމުރުކޮށް ދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ. ދައުވާގައި ބުނާ ކަންކަން ސާބިތުކޮށް ދިނުމަށް ހަންނާން ވަނީ 10 ހެކިވެރިއެއްގެ ނަން ހުށަހަޅައިފަ އެވެ. އަދި އެ މީހުންނަށް ނުފޫޒު ފޯރުވަފާނެތީ، އެ މީހުންގެ ހެކިބަސް ސިއްރުން ނަގައި ދިނުމަށް ވަކީލު އެދިވަޑައިގަތެވެ. އެކަމަކު އޭނާ ވަނީ އެ މީހުންގެ ނަމާއި އެޑްރެސްތައް ޝަރީއަތުގައި އިއްވައިފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ހެކިވެރިންގެ ބަޔާންތަކުގައި ހުރި ވާހަކަތައް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަން ހިނގާ ދިޔަ ގޮތުގެ ރިޕޯޓުގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށްފައި ނުވާ ކަމަށް ބުނި ނަމަވެސް އެކަން ދޮގު ކުރައްވައި ސުއޫދު ވަނީ އެ ރިޕޯޓު ވެސް ޝަރީއަތަށް ހުށަހަޅުއްވައިފަ އެވެ. އެ ރިޕޯޓާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން، ދައުވާކުރާ ފަރާތުގެ ވަކީލް ހަންނާނަށް އެކަށީގެންވާ ޖަވާބެއް ނުދެއްވުނެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓުގައި ސޮއި ނުކުރާ ކަމަށް މަންދޫބުން ބުނާ ކަމަށެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަސްލަމް ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފަ އެވެ. އަސްލަމްގެ ވަކީލް ހިސާން ހުސައިން ވިދާޅުވީ ގާނޫނުގައި ބުނާ މިންވަރަށް އެކަށީގެންވާ ހެކި، އެ މައްސަލައިގައި ކޯޓަށް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ހުށަހަޅާފައިވާ ހެކިވެރިންނާ ބެހޭ މައްސަލަތަކެއް ވެސް ހިސާން ޝަރީއަތުގެ ސަމާލު ކަމަށް ގެންނެވި އެވެ. އެގޮތުން އެއް ހެކިވެރި އަކީ ދައުވާކުރައްވާ އަލީގެ ކޮއްކޮ ކަމަށާއި އަނެއް ދެ ހެކިވެރި އަކީ ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އިތުރު ތިން ހެކިވެރިންނަކީ ޝަރީއަތަށް ބަޔާނެއް ދޭން ބުނެފައިވާ ފަރާތްތަކެއް ނޫން ކަމަށް ވިދާޅުވެ، އޭގެ ތެރެއިން ބައެއް މީހުންގެ ފޯން ނަމްބަރުތައް ވެސް ހިސާން ވަނީ ޝަރީއަތާ ހިއްސާ ކުރައްވައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ހިތަދޫ މެދު ދާއިރާ އަށް ނިސްބަތްވާ ބައެއް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. ނަމަވެސް ހަންނާން އެކަން ދޮގު ކުރެއްވި އެވެ. ދައުވާގައި ބުނާ ކަންކަން ޝަކުވާއެއްގެ ގޮތުގައި އެހެން ފަރާތަކަށް ހުށަހެޅިންތޯ ބެންޗުން ސުވާލު ކުރެއްވުމުން ހަންނާން ފުރަތަމަ އެދިވަޑައިގަތީ އެކަމަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. އެ ސުވާލު ދެވަނަ ފަހަރަށް ތަކުރާރު ކުރެއްވުމުން ހަންނާން ވިދާޅުވީ ޝަކުވާ ހުށަހަޅާފައިނުވާ ކަމަށާއި ސަބަބަކީ އިލެކްޝަންސް ކޮމިޝަނުން އެކަމާ މެދު ސަމާލުކަން ނުދޭތީ ކަމަށެވެ. ހެކިން ހުށަހަޅާފައިވީ ނަމަވެސް، އަޑުއެހުންތައް މިއަދު ނިންމާލިއިރު އެކަމާ މެދު ބެންޗުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޣަނީ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ