އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކޮށްފި

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ޑްރަގް ކޯޓަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ( އިން މިއަދު ނިންމައިފި އެވެ. ޖޭއެސްސީގެ މެމްބަރަކު ވިދާޅުވީ ޑްރަގް ކޯޓުގެ އިސް ގާޒީކަމަށް އަބްދުﷲ ގާޒީ ބަދަލުކުރަން ކޮމިޝަނުން ނިންމާފައިވަނީ ޖެނުއަރީ 1 އިން ފެށިގެން ކަމަށެވެ. އެގޮތަށް ނިންމީ ކޮމިޝަންގެ އަޣުލަބިއްޔަތުންނެވެ. އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރުމަށް ފަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވަގުތީ ގޮތުން ހަވާލުކުރަން ޖޭއެސްސީން މިއަދު ނިންމީ އެ ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ނައިބު ރައީސް އަބްދުﷲ ދީދީއާ އެވެ. އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރަން ޖޭއެސްސީގައި ނެގި ވޯޓުގައި އަބްދުﷲ ދީދީ ބައިވެރިވެވަޑައިނުގަންނަވަ އެވެ. އަބްދުﷲ ގާޒިގެ އިތުރުން ސުޕީރިއާ ކޯޓުތަކުގެ އެހެން ބައެއް ފަނޑިޔަރުން ވެސް އެހެން ކޯޓުތަކަށް ބަދަލުކުރަން ޖޭއެސްސީން ނިންމި އެވެ. އެ ކޮމިޝަންގެ މެމްބަރު ވިދާޅުވި ގޮތުން އެގޮތަށް ނިންމީ "ފަނޑިޔާރުން ތާޒާކުރުމުގެ މަސައްކަތެއްގެ ގޮތުން" ނެވެ. އަބްދުﷲ ގާޒީގެ އިތުރުން އެހެން ބައެއް ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރަން ނިންމީ އެ ބޭފުޅުން އެދިވަޑައިގެންނެއް ނޫން ކަމަށާއި "ކޮމިޝަނަށް ފެނިގެން ފަނޑިޔާރުން ތާޒާކުރުމުގެ މަސައްކަތެއްގެ ގޮތުން" ކަމަށް ކޮމިޝަންގެ މެމްބަރު ވިދާޅުވި އެވެ. ގާނޫނު އަސާސީގެ 159 ވަނަ މާއްދާގައި ވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ބަދަލުކުރުމަކީ ޖޭއެސްސީ އަށް ލިބިގެންވާ ބާރެއް ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ގާނޫނުގެ 46 ވަނަ މާއްދާގައި ވަނީ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓު އުވިގެންދާ މަރުހަލާ ފިޔަވައި އެހެން ހާލަތްތަކުގައި އެއްވެސް ފަނޑިޔާރަކު އޭނާ އައްޔަން ކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަން ވާނީ ޖުޑީޝަލް ކައުންސިލްގެ ހުށަހެޅުމަކަށް ކަމަށެވެ. މިގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާނަމަ ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތް ކުރަމުން އައި ކޯޓާ އެއްފަދަ އެއް ދަރަޖައެއްގެ ކޯޓަކަށް ކަމަށް ގާނޫނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ