ރިޔާސީ ރޭހުގެ ހިސާބު ހެދުމަށް ކައުންސިލް އިންތިހާބަކީ ރަނގަޅު ފޯމިއުލާއެއް ނޫން: އުމަރު

ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ރިޔާސީ ރޭހުގެ އަންދާސީހިސާބު ހެދުމަށް ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާ އަކީ ރަނގަޅު ފޯމިއުލާއެއް ނޫން ކަމަށް ރިޔާސީ ރޭހުގައި ވާދަކުރައްވާ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ފެށި ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްގައި އުމަރު ވަނީ ރިޔާސީ ޕްރައިމަރީގައި އޭނާގެ އިތުރުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ "ޔަގީން ޓީމު"ގެ މައްޗަށް ކުރި ހޯއްދެވުމަށް ވަރުގަދަ އަށް ކެމްޕޭން ކުރައްވައިފަ އެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ކައުންސިލްގެ 14 ގޮނޑީގެ ތެރެއިން 12 ގޮނޑި ހޯއްދެވީ ޔާމީންގެ ޔަގީން ޓީމުންނެވެ. އުމަރުގެ "ޓީމް އުމަރަ"ށް ލިބިވަޑައިގަތީ ދެ ގޮނޑި އެވެ. އެހެން ނަމަވެސް އުމަރު އެކަން ގަބޫލެއް ނުކުރައްވަ އެވެ. އޭނާ މިއަދު "ހަވީރަ"ށް ވިދާޅުވީ ހުރިހާ މުހިއްމު ގޮނޑިތައް ލިބުނީ އޭނާގެ ޓީމަށް ކަމަށެވެ. މުހިންމު ގޮނޑި ކަމަށް އުމަރު ސިފަކުރެއްވީ ޕާޓީގެ އެއް ނައިބު ރައީސްކަމާއި ޒުވާނުންގެ ގޮފީގެ ރައީސްކަން އޭނާގެ ޓީމުން ކާމިޔާބުކުރުމެވެ. ޕީޕީއެމްގެ އެއް ނައިބު ރައީސަކަށް، އުމަރު ޓީމްގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ކާމިޔާބުކުރެއްވިއިރު، ޒުވާނުންގެ ގޮފީގެ ރައީސްކަން ކާމިޔާބު ކުރެއްވީ އިންތިގާލީ ކައުންސިލްގެ މެމްބަރު މުހައްމަދު ނާޒިމެވެ. އުމަރު ވިދާޅުވީ އިތުރު ހުރަސްތަކެއް ނެތި ވާދަކުރަން ލިބުނީ ވެސް އެ ދެ މަގާމަށް ކަމަށާއި އެ ދެ ގޮނޑިން އޭނާ އަށް ކާމިޔާބު ލިބިފައިވާ ކަމަށެވެ. "އެހެން އެއްޗެހީގެ މިސާލަކަށް ކައުންސިލް ކަމަށް ވަންޏާ 39 ބޭފުޅަކު ކުރިމަތިލައްވައިގެން ވާދަކުރައްވާ، އެހެންވެ ވޯޓުތައް ބެހިގެން ދިއުމާއި ކަންކަން ވެއްޖެ. އެހެންވީމަ ސާފުކޮށް ޔަގީންޓީމުން ވާދަކުރީ ޒުވާނުންގެ ރޭހުގައި، ވަން ޓު ވަން އަޅުގަނޑުމެންނަށް ކާމިޔާބު ލިބުނު، ދެން ނައިބު ރައީސްކަމުގެ ރޭހުގައި ދެކޮޅަށް ދޭތި ދިޔައީ. އަޅުގަނޑު ދެކެނީ އިސް މަގާމްތަކުގައި އަޅުގަނޑަށްކަން ކާމިޔާބު ލިބުނީ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް ރޭހުގައި 39 ބޭފުޅަކު ވާދަކުރައްވައި ވޯޓު ބެހިގެން ގޮސްފައިވާތީ، ކައުންސިލްގެ ގިނަ ގޮނޑިތައް ޔަގީން ޓީމަށް ލިބުނަސް އެއީ އެ ޓީމަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. "ހޮވިވަޑައިގަތީ މުޅިން ވެސް ކުރީގެ ކައުންސިލްގައި ތިއްބެވި ބޭފުޅުން. އަލަށް ވަޑައިގަތީ ތިން ބޭފުޅުން. އެހެންވީމަ އެ ބޭފުޅުންގެ ފަރާތުން ދެ ބޭފުޅަކު، އަޅުގަނޑުގެ ފަރާތުން އެއް ބޭފުޅަކު އަލަށް ވަޑައިގަތީ،" އުމަރު ވިދާޅުވި އެވެ. އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި ޔަގީންޓީމާ އެކު ވާދަކޮށް ކާމިޔާބީ ލިބުނީ އޭނާގެ ޓީމަށެވެ. އަދި ކައުންސިލްގެ 14 ގޮނޑީގެ ތެރެއިން ދެ ގޮނޑި އުމަރަށް ލިބުނު ކަމަށް ބުނުމަކީ ކުށެއް ކަމަށާއި އޭނާ އެންޑޯސްކުރެއްވި ޓީމުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އިންތިހާބުތަކުގެ ކެމްޕޭންގެ އަމަލީ ހަރަކާތްތަކުގައި މައުމޫން ބޭފުޅުން އުޅުއްވީ ޔަގީން ޓީމާއެކުގަ އެވެ. "ކައުންސިލް އިންތިހާބަކީ ވަރަށް ބޮޑު މިކްސްއަޕެއް. އޭގައި އެހާ ސާފުކޮށް ވާދަކޮށްލާކަށް ޖާގައެއް ނުލިބޭނެ. ކްރޮސްކޮށް ތިއްބަވާނެ ވަރަށް ގިނަ ބޭފުޅުން،" އުމަރު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އުމަރު ދެއްކެވީ ކައުންސިލަށް ހޮވިވަޑައިގަތް އަހުމަދު ސިއްދީގަކީ ޔަގީން ޓީމުގެ ބޭފުޅަކަށް ވިއަސް އޭނާ އަށް ޓީމް އުމަރުން ކެމްޕޭންކޮށްދިނުމެވެ. އޭގެ އިތުރުން ޔާމީން ޓީމުގައި އޭނާގެ ސަޕޯޓް އޮތް ބޭފުޅުން ވެސް ހިމެނިވަޑައިގެންނެވި ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންކަމުން އުމަރާއި ޔާމީން ރޭހުގައި ހިސާބު ހެއްދެވުމަށް ރަނގަޅު ފޯމިއުލާ އަކީ ނައިބު ރައީސް ކަމުގެ ރޭހާއި ޒުވާނުންގެ ރައީސް ކަމުގެ ރޭސް ކަމަށް ވިދާޅުވި އެވެ. ދެ ބަޔަކަށް ބެހިގެން ކެމްޕޭންކޮށް ނަތީޖާ އިއުލާންކުރުމާ ހަމައަށް ވެސް ގަދަވެފައި އޮތް އަޑަކީ ޕީޕީއެމް ބައިބައިވުމުގެ ވާހަކަތަކެވެ. އެ ވާހަކަތަކަށް އިތުރު ބާރެއް ލިބެނީ ކޮންގްރެސްގައި ޓީމު އުމަރާއި ޔަގީން ޓީމުގެ ހަރަކާތްތައް ހުރި ގޮތެވެ. މުހިއްމު މަގާމްތައް ނިމުމާ އެކު ބޭއްވި ކެއުމުގެ ހަފުލާ އިން ވެސް މައުމޫނާއި ޕާޓީގެ އިސް ފަރާތްތަކާ އެކު ޔާމީން އެންމެ ގާތުގައި ހުންނެވިއިރު އުމަރު ނުފެނުމަކީ ގިނަ ބަޔަކަށް ސުވާލު އުފެދި، ކޮންގްރެސް އަށް އެކި ރަށްރަށުން އައި މަންދޫބުން މާޔޫސްވެގެން ދިޔަ ކަމެކެވެ. އޭގެ ކުރިން މައުމޫން ބޭއްވި ކެއުމުގެ ހަފުލާއަކަށް ވެސް އުމަރު ކެމްޕޭންގައި "ބިޒީކަމުން" ވަޑައެއް ނުގަންނަވަ އެވެ. އުމަރު ވިދާޅުވީ ރޭގެ ކެއުމުގައި ޕާޓީގެ އިސް ފަރާތްތަކާ އެކު އޭނާ ފެނިވަޑައިނުގެންނެވި ނަމަވެސް އާއްމު މެމްބަރުންނާ އެކު ކެއުމުގައި ބައިވެރިވެވަޑައިގަތް ކަމަށެވެ. "އަޅުގަނޑަކަށް ނޭނގެ ވަކިން އެހެން ތަނެއްގައި އިސް ބޭފުޅުންނަށް ފަރިއްކޮޅެއް އޮތް ކަމެއް. އަޅުގަނޑާއި އަޑުގަނޑުގެ ޓީމް އުމަރުގެ އެންމެން އާއްމު މެމްބަރުން ކާ ތަނަށް ގޮސް އެ މީހުންނާ އެއްކޮށް އިށީނދެ ކައި ނިމިގެން އަޅުގަނޑު ދިޔައީ،" އުމަރު ވިދާޅުވި އެވެ. މައުމޫނާ އެކު ކެއުމުން ނުފެނުނީ، އުމަރު ވިދާޅުވި ގޮތުގައި، "ރައީސް އިންނަންވަން ހަމަޖެހިފައި ވަނީ ވަކި މާލެއްގައި ކަމެއް އަޅުގަނޑަށް ނޭނގޭތީ" އެވެ. އުމަރު ވިދާޅުވީ ކޮންގްރެސް އަދި ރިޔާސީ ޕްރައިމަރީ ނިމިގެން ވެސް ޕީޕީއެމް ބައިބައިވުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި އެ ޕާޓީ އަކީ އެއަށްވުރެ ބޮޑަށް ތަސައްރަފު ފުދިފައިވާ ޕާޓީއެއް ކަމަށެވެ. މި އިންތިހާބުތަކެކޭ އެއްގޮތަށް ރިޔާސީ ރޭހަށް ވެސް "ވަރުގަދަ އަށް ވާންކޮށްލާނެ" ކަމަށް ވިދާޅުވި އެވެ. "ވާންކޮށް ނިމުނީމަ އެ ނިމުނީ އިނގޭތޯ އެ ކަންތައް. މި ޕާޓީ ވެގެންދާނީ ދިވެހި ރާއްޖޭގެ ޑިމޮކްރަސީ އަށް ނަމޫނާ ޕާޓީއަކަށް،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ