ކިލޯއެއްގެ ޑްރަގް ގެންގުޅެގެން ލަތީފާއި ހަސަން ޖަލަށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ޏ. ފުވައްމުލަކު ޑެއިލީބްލޫ އަބްދުއްލަތީފް މުހައްމަދާއި ދަފްތަރު 3033 ހަސަން އަލީ އުމުރަށް ޖަލަށްލާން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޑިސެމްބަރު، 2010 ގައި ހިންގި އޮޕަރޭޝަނެއްގައި ލަތީފާއި ހަސަން އަތުލައިގަތީ ތަރުކާރީ ފޮށިތަކެއްގެ ތެރެއަށް މަސްތުވާތަކެތި އަޅައިގެން ޓީ ޖެޓީ ސަރަހައްދުން ކާރެއްގައި ދާން އުޅެނިކޮށެވެ. އެ މައްސަލާގައި ލަތީފާއި ހަސަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2011 ގައި ހުކުމްކޮށްފައި ވަނިކޮށް އެ ދެ މީހުން އުމުރަށް ޖަލަށްލާން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ލަތީފާއި ހަސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މީގެ ދުވަސްތަކެއް ކުރިން ކަމަށް ވަނީ އެނގިފަ އެވެ. އެނގިފައިވާ ގޮތުގައި ވަކިވަކިން ހުށަހެޅި އެ ދެ މައްސަލަ ވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ. އޭގެ ތެރެއިން ހަސަންގެ މައްސަލައިގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފެށުމަށް ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލަ ދަށު ކޯޓުގައި ހިނގިއިރު ކްރިމިނަލް ކޯޓުން ވަނީ ބަންދުގައި ހުރި ލަތީފް ގޭ ބަންދަށް ބަދަލުކުރަން ސިޓީއަކުން އަންގައިފަ އެވެ. އެގޮތަށް ސިޓީއަކުން ނޭންގޭނެ ކަމަށް ހައި ކޯޓުން ހުކުމް ކުރުމުން ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ލަތީފް އެއްކޮށް ބަންދުކޮށް ދޫކޮށްލައިފަ އެވެ. އޭރު ކޯޓުން ލަތީފް ދޫކޮށްލުމުގައި "އެހެން ކަހަލަ ކަންތައްތަކެއް" ހިނގާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތުހުމަތުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ