އިޒްރޭލުގެ ރައްޔިތުން ބޮލީވިއާގެ ވިސާއެއް ނުދެވޭނެ: ބޮލީވިއާ

ލަ ޕާޒް (30 ޖުލައި 2014) – އިޒްރޭލަކީ ޓެރަރިސްޓް ގައުމެއް ކަމަށާއި ބޮލީވިއާ ވަނުމަށް އިޒްރޭލް ރައްޔިތުންނަށް ދެމުންދިޔަ ވިސާ ހުއްޓާލާފައިވާ ކަމަށް ބޮލީވިއާގެ ރައީސް އީވޯ މޮރާލެސް ވިދާޅުވެއްޖެ އެވެ.
ބޮލީވިޔާގެ ކޯޗަބަންބާ ސިޓީގައި ޓީޗަރުންތަކަކާއި ބައްދަލުކުރައްވަވާ މޮރާލެސް ދެއްކެވި ވާހަކަފުޅުގައި މިކަން އިއުލާން ކުރައްވަވާ ވިދާޅުވީ އިޒްރޭލަކީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާނޭ ބައެއް ނޫން ކަން ގާޒާއަށް ދެމުންދާ ހަމަލާތަކުން ފެންނަ ކަމަށާއި އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ސުލްހައާއި އަމަންއަމާން ކަމަށް އަސަރުކޮށްފައިވާ ކަމަށެވެ.
އިޒްރޭލުގެ ރައްޔިތުންނަށް ވިސާ އަކާއި ނުލާ ބޮލީވިއާއަށް ވަދެވޭ ގޮތް 1972 ން ފެށިގެން ހަމަޖެހިފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް އޮންނަތާ ގިނަ ދުވަސްތަކެއް ވުމަށްފަހު ގުޅުންތައް ކަނޑާލީ 2009 ވަނަ އަހަރު އިޒްރޭލުން ގާޒާއަށް ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ.
މިއަހަރުގެ ޖުލައިގައި މޮރާލެސް ވަނީ އިޒްރޭލުން އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ، ދައުވާކޮށްދިނުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރަށް އެދިވަޑައިގެންފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ