ރައީސާއި، ނައިބު ރައީސް އަދި ރައީސް މައުމޫން ފޮނަދުއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހްމަދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ލ. ފޮނަދުއަށް ވަޑައިގެންފިއެވެ.
ރައީސާއި ނައިބު ރައީސް އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް ލ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅަކީ ޕީޕީއެމްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހް ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެގޮތުން ލ. އަތޮޅުގެ ހަތަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހް ކުރުމުގެ ގޮތުން ހާއްސަ ޖަލްސާއެއް އަތޮޅުވެރިކަން ކުރާ ރަށް ފޮނަދޫގައި މިރޭ ބާއްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ރައީސްގެ މި ދަތުރުފުޅުގައި ބައިވެރިވި ފަރާތްތަކަށް ލ. އަތޮޅުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅަކީ ރައީސްކަމަށް އިންތިހާބުވުމަށްފަހު އަތޮޅުތެރޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިދަތުރުފުޅުގައި ފޮނަދޫގެ ރައްޔިތުންގެ ހާލު އަހުވާލު ބައްލަވައި ރަށުގެ ތަރައްގީއަށް ރޭވިފައިވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވަވާނެ ކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ