އިންޒާރުގެ މެސެޖު ލިބޭ ވާހަކަދައްކަނީ ސަޕޯޓަރުން މަގުމައްޗަށް ނެރެން: އުމަރު

ތަފާތު އިންޒާރުގެ މެސެޖުތައް ލިބުމަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުން ޖެހިލުންވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިއަދު އިދިކޮޅު ޕާޓީގައި ތިބި ފަރާތްތަކުން އެފަދަ މެސެޖުތައް ހިފައިގެން މަގުމައްޗަށް ނިކުންނަނީ ސަޕޯޓަރުން މަގުމައްޗަށް ނެރެން ބޭނުވާތީ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ބެއްލެވުމުގެ ދަށުން ހިނގާ މުއައްސަސާތަކުން މިދިޔަ އެއް އަހަރު ދުވަހު ކުރި މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އިންޒާރުގެ ތަފާތު މެސެޖުތަކާއި މަރާލާނެ ކަމަށް ބުނާ ތަފާތު މެސެޖުތައް އިދިކޮޅު ފަރާތްތަކަށް ލިބޭ ފަދައިން އެމަނިކުފާނަށް ވެސް ލިބޭ ކަމަށެވެ.
އެފަދަ މެސެޖުތައް ހިފައިގެން މިއަދުގެ އިދިކޮޅު ފަރާތްތަކުން މަގުމަތީގައި ދުވާ ފަދައިން އެމަނިކުފާނުވެސް އިދިކޮޅު ޕާޓީއެއްގައި ހުރި ނަމަ ފަހަރުގައި އެގޮތަށް އަމަލުކުރެއްވީސް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެމީހުންނަކީ އިިދިކޮޅު ޕާޓީ ވީމާ ހަގީގަތުގައި ކުރާނެ އެހެން ކަމެއް ނުވެސް އޮންނާނެ... ހަގީގަތަކީ ނަޝީދުވެސް މާރިޔާ ވެސް އެފަދަ މެސެޖުތަކަށް ބިރު ނުގަންނާނެ ކަން،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންޒާރުދޭ ކަަމަށް ބުނެ ހުށަހެޅޭ ހުރިހާ މައްސަލައެއްވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އެގޮތަށް ފޮނުވާ އިންޒާރުގެ ހުރިހާ މެސެޖެއްގެ ތަފްސީލްތައް ދެނެގަތުމަކީ މިއަދު ޓެކްނޮލޮޖީ ކުރިއަރާފައިވާ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަަމަށެވެ. އަދި އިންޒާރުގެ މެސެޖުތައް ލިބޭ ފަރާތްތަކުން އެ މެސެޖުތައް ބޭނުންކުރަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"އެފަދަ ބައެއް މެސެޖުތައް އެފޮނުވަނީ އެހެން ގައުމެއްގެ ސާވިސް ޕްރޮވައިޑައެއް ބޭނުންކޮށްގެން،" އުމަރު ވިދާޅުވި އެވެ.
އިންޒާރުގެ މެސެޖުތައް ފޮނުވާ މައްސަލާގައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކްޓިވް އިލްޔާސް އަހްމަދު ވެސް ވިދާޅުވީ އެފަދަ ކޮންމެ މެސެޖެއްގެ ހުރިހާ މައުލޫމާތެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަަމަށެވެ. ނަމަވެސް އެފަދަ ބައެއް މެސެޖުތައް ފޮނުވާ ގައުމުތައް ދެނެގަނެވިފައިވާ ކަމަށާއި އެއީ މިމައްސަލައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
މެސެޖު ފޮނުވާ ގައުމު ދެނެގަނެވުނަސް އެ މެސެޖެއް ފޮނުވަން ބޭނުންކޮށްފައިވާ ސާވިސް ޕްރޮވައިޑާގެ ފަރާތުން އެކަމަށް މާބޮޑު އެހީތެރިކަމެއް ނުވަތަ އެއްބާރުލުމެއް ނުލިބުމުން އެފަދަ މައްސަލަތައް އިތުރަށް ކުރިއަށް ގެންދިއުމަށް ދަތިވާ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ