ހޫނު ޚަބަރު: ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓުން ކަނޑައަޅައި އަމުރު ކުރުމުން ދިއިސްލާމްގެ އެގްޒެކެޓިވް އެޑިޓަރ އަހްސަން ދޫކޮށްލައިފި
އަޙްސަންގެ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކޯޓު ކައިރީގައި ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ - ދިއިސްލާމް ފޮޓޯ : މުޙައްމަދު އާދަމް (އުޑޭ)ދިއިސްލާމްގެ އެގްޒެކެޓިވް އެޑިޓަރ ޢަލީ އަހްސަން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި އޭނާ ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.ރޭ 21:00 ހާއިރު އަހްސަން ހައްޔަރުކުރުމަށް ފަހު ކޯޓަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން އަހްސަން ގެންދިޔައީ މިރޭ 19:00 ހާއިރުއެވެ.ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނީ އަހްސަން ހައްޔަރުކޮށްފައި ވަނީ އޭނަގެ ބެލުމުގެ ދަށުން ފަރުމާކޮށްފައިވާ 23december.com ވެބްސައިޓުގައި ދީނީ ހަރުކަށި ހިޔާލުތައް އާންމުކޮށް، މީހުން މެރުމަށް ގޮވާލާފައިވާ ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރުމަށް ކަމަށެވެ. އަހްސަންގެ ޤާނޫނީ ވަކީލުން ވިދާޅުވީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ އަހްސަން ހިލާފް ވެފައި ނުވާ ކަމަށާއި ބަޔަކު ވެބްސައިޓް ހެކްކޮށްފައި ވާއިރު ލިޔުންތަކަށް އުނި އިތުރު ގެނެސްފައިވާ ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 49 މާއްދާގެ ދަށުން އަހްސަން ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވަކީލުން ވިދާޅުވިއެވެ.ފުލުހުން ބުނީ މައްސަލައާއި ގުޅޭ ހެއްކަށް އަހްސަން ނުފޫޒު ފޯރުވަފާނެތީ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ. ނަމަވެސް، ޤާނޫނީ ވަކީލުން ވިދާޅުވީ މައްސަލައިގެ ތަޙްޤީޤަށް އަހްސަން ފުރިހަމަ އަށް އެއްބާރުލުން ދީފައިވާ ކަމަށާއި، ފުލުހުން ދައްކަން އެދުނު ތަކެތި (ކޮމްޕިއުޓަރ، ހާޑް ޑިސްކް ފަދަ ތަކެތި) ވެސް ދައްކާފައިވާ ކަމަށެވެ.ދެ ފަރާތުގެ ވާހަކަތަކަށް ބެލުމަށްފަހު، ކޯޓުގެ ޤާޟީ ނިންމެވީ ފުލުހުން ހުށަހެޅި ހެއްކާއި އެހެނިހެން ކަންކަމަށް ބަލާއިރު އަހްސަން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެހެންވެ ދޫކޮށްލުމަށެވެ.އަހްސަންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރެއްވީ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޢަބްދުﷲ ސަޢީދު އެވެ.އަހްސަން ކޯޓުން ފޮނުވާލީ މިރޭ 20:19 ހާއިރު އެވެ. އަދި ފުލުހުން ވަނީ އަހްސަން ދޫކުރުމަށްޓަކައި ލިޔެކިއުންތައް ނިންމުމަށް އަތޮޅުވެއްސަށް ގެންގޮސްފައެވެ. އަދި 21:26 ހާއިރު އަތޮޅުވެހިން ލިޔެކިއުންތައް ނިންމުމަށް ފަހު ފުލުހުން ވަނީ އަހްސަން މިނިވަންކޮށް ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ