މިމަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ބައެއް މަރުހަލާތައް ކުރިއަށް ގޮސްފައި ވަނީ "ވަރަށް ބޮޑަށް ޝައްކު އުފެދޭ" ގޮތަކަށް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މި ރޭ ޕީޕީއެމް އިން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ނެރުއްވި ބަޔާނުގައި ވެސް އިންތިހާބުގެ ބައެއް ކަންކަން ކުރިއަށް ދާގޮތުން ކަންބޮޑުވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި "އަޅުގަނޑުމެންނަށް ވެސް އެކަން އެނގޭ" ކަމަށް މައުމޫން ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގެ ބައެއް ކަންތައްތައް ހުރީ ކަންބޮޑުވާ ގޮތަށް ކަމަށް ފާހަގަކުރައްވާފައިވޭ (ރައީސް ވަހީދުގެ ބަޔާނުގައި). އަޅުގަނޑުމެންނަށް ވެސް އެކަން އެނގޭ. ރިޔާސީ އިންތިހާބުގެ ކަންތައްތައް އެކިއެކި މަރުހަލާތަކުގައި ގޮސްފައި ވަނީ ވަރަށް ބޮޑަށް ޝައްކު އުފެދޭ ގޮތަކަށް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރައީސް ވަހީދުގެ ބަޔާނުގައި އިންތިހާބުގެ ކަންކަމުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އިތުބާރުގެ މައްސަލަ އުފެދޭ ކަން ފާހަގަކޮށްފައިވާ ކަމަށާއި އެއީ ޕީޕީއެމްއިން ތާއީދުކުރާ ވާހަކައެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކުރިއަށް ގޮސްފައި ވަނީ ސުވާލު އުފެދޭ ގޮތަކަށް ކަމަށާއި އިންތިހާބުގައި ގިނަ އަދަދެއްގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ގުޅުމުން ވަނީ އެމައްސަލަ ކޯޓަށް ވައްދައިފަ އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން އެ މައްސަލަ ކޯޓަށް ވައްދާފައިވާ އިރު، މައުމޫން މިރޭ ވިދާޅުވީ މިމަހުގެ 28 ވަނަ ދުވަހަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ތާވަލުކުރެވިފައިވީ ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން އެނޫން ގޮތަކަށް އެކަން ހިނގައިދާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގެ، ޕީޕީއެމް އަށް ނިސްބަތްވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އެ ޕާޓީ ދޫކުރައްވަން އުޅޭ ކަމުގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. މައުމޫން ވިދާޅުވީ މިއަދު އިރު އޮއްސުނު އިރު، މަހުލޫފާ ފޯނުން ވާހަކަ ދެއްކެވި ކަމަށާއި މަހުލޫފުގެ ހިތް ނުތަނަވަސްވާ ބައެއް ކަންކަން ފާހަގަކުރެއްވި ކަމަށެވެ.
"މަހުލޫފު ﷲގެ އިރާދަފުޅުން ހުންނާނީ މިޕާޓީގައި. އަޅުގަނޑު މިރޭ އިރު އޮއްސުނު އިރު އެމަނިކުފާނަށް ގުޅާ ވާހަކަ ދެއްކިން. އެމަނިކުފާނު ހިތް ނުތަނަވަސްވާ ކަންކަމުގެ ވާހަކަ ވިދާޅުވި. އޭނާ ވެސް ގަބޫލުކުރައްވާ ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށް." މައުމޫން ވިދާޅުވި އެވެ.
އިންތިހާބުގެ ބައެއް މަރުހަލާތައް ދިޔަ ގޮތުން ޝައްކު އުފެދޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ