ދެވަނަ ބުރުގައި ގާސިމް އެމްޑީޕީއަށް ތާއީދު ކުރެއްވުމަށް ނަޝީދު ހުށަހަޅުއްވައިފި

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެމްޑީޕީ އަށް ތާއީދު ކުރެއްވުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ. އެކަން ހުށައެޅުއްވީ ގާސިމްގެ ގެކޮޅު މ. މާފަންނުވިލާގައި ދެ ބޭފުޅުން މިރޭ އިރާކޮޅު ބޭއްވެވި ކުއްލި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބުރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވަޑައިގެންނެވި އެވެ.
ބައިގަޑިއެއްހާ އިރަށް ދިގުދެމިގެން ދިޔަ އެބައްދަލުވުމާ ގުޅޭ ގޮތުން ގާސިމްގެ ތަރުޖަމާނު އިބުރާހީމް ޚަލީލު ވިދާޅުވީ ރައީސް ނަޝީދާއި ގާސިމް ވާހަކަފުޅު ދެއްކެވީ "މައިގަނޑުގޮތެއްގައި" ރާއްޖޭގެ ހަމަޖެހުމާ އަމަން އަމާންކަން ދެމެހެއްޓުމާ ބެހޭ ގޮތުން ކަމަށެވެ. އަދި ބައްދަލުވުމުގެ ވަކި ހިސާބަކުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަށް ތާއީދު ކުރެއްވުމަށް ނަޝީދު ހުށަހެޅުއްވި ކަމަށެވެ.
"ނަޝީދު އެގޮތަށް އެދިވަޑައިގެންނެވިޔަސް އެ މަޝްވަރާތަކެއް ނުކުރޭ. ގާސިމް ވިދާޅުވީ ޝަރީއަތުގެ މަރުހަލާއިން ނިމޭ ގޮތެއްގެ މަތިން އެފަދަ މަޝްވަރާތަކެއް ކުރަންޖެހިއްޖެ ނަމަ، އެކަން ކުރާނީ ކަމަށް،" ގާސިމްގެ ތަރުޖަމާން ހަލީލު ވިދާޅުވި އެވެ.
ހަލީލު ވިދާޅުވި ގޮތުގައި ގާސިމާއި ނަޝީދާ ދެމެދު އެއްވެސް އިރެއްގައި ޒާތީ މައްސަލަތަކެއް ނެތް ކަމަށާއި އެ ދެ ބޭފުޅުންނަކީ ސިޔާސީ ގޮތުން ވާދަވެރިން ކަމަށެވެ.
ގާސިމާ ނަޝީދު ބައްދަލު ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށް އިޝާރާތް ކުރައްވައި ހަލީލު ވިދާޅުވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ގާސިމާ ބައްދަލުވުމަށް ހުށަހެޅުއްވުމަށް އެދިވަޑައިގެންނެވުމުން އެކަން ވެސް ގާސިމް ކުރެއްވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ