އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލަ ކޮމިޓީ އަށް ފޮނުވީ ސުޕްރީމް ކޯޓުގެ ހުކުމް ދިރާސާކުރާކަށް ނޫން: މަޖިލިސް

ވަޒީރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމުގެ މައްސަލަތަކުގައި މަޖިލީހުން އަމަލުކުރާނެ އުސޫލެއްގެ ލަފައަކަށް އެދި އެ މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީ އަށް ފޮނުވީ، ސުޕްރީމް ކޯޓުގެ ހުކުމް ދިރާސާކުރަން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ނަގާނީ ސިއްރު ވޯޓެއް ކަމަށް ކަނޑައަޅައި، ޑިސެމްބަރު 3، 2012 ގައި މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު، މާޗް 14، 2013 ގައި ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. ސުޕްރީމް ކޯޓުން އެ އިސްލާހު ބާތިލުކޮށްފައި ވަނިކޮށް، މި މަހުގެ 8 ވަނަ ދުވަހު، ހޯމް މިނިސްޓަރު މުހައްމަދު ޖަމީލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވޯޓާ ހަމައަށް ގޮސްފައި ވަނިކޮށް، މަޖިލީހުގެ ރިއާސަތުން ވަނީ ވޯޓު ނުނަގައި އެ މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީ އަށް އަލުން ފޮނުވައިފަ އެވެ.
އެ ދުވަހުގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނީ، މަޖިލީހުގެ ނިންމުމެއް ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން، އެއީ ނުކުރެވޭނެ ކަމެއް ކަމަށް ބުނެ އެވެ. އަދި އެ ކަމަށް ވަކާލާތުކުރެއްވި އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ސިއްރު ވޯޓެއް ނޫނީ ނުނެގޭނެ ކަމަށެވެ.
މަޖިލީހުގެ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ވޯޓުލުމުގައި އަމަލުކުރާނެ އުސޫލެއްގެ ލަފައަކަށް އެދި، މަޖިލީހުގެ އާންމު ކޮމިޓީ އަށް ފޮނުއްވުމަށް މި މަހުގެ 8 ވަނަ ދުވަހު މަޖިލީހުގެ ރިޔާސަތުން ނިންމި ނިންމުމާ ގުޅިގެން ޚަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ފަތުރާފައިވަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.
މަޖިލީހުން ބުނި ގޮތުގައި އެ މައްސަލަ އާންމު ކޮމިޓީ އަށް ފޮނުއްވުމަށް މަޖިލީހުގެ ރިއާސަތުން ނިންމާފައިވަނީ، އިތުބާރު ނެތްކަމުގެ ވޯޓު ނަގާނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށް ބަޔާންކޮށް މަޖިލީހުގެ ދެ މާއްދާ އަކަށް މަޖިލީހުން ގެނައި އިސްލާހުތައް ސުޕްރީމް ކޯޓުގެ ހުކުމުން ބާތިލްވެފައިވާތީ އާއި އެ އިސްލާހު މަޖިލީހުން ފާސްކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ކުރިން އަމަލުކުރަމުން އައިސްފައިވާ މާއްދާތަކަށް ވެގެންދާނެ ގޮތެއް ސާފު ނޫން ކަމުން، އެ ހުކުމާ ގުޅިގެން މަޖިލީހުގެ ގަވާއިދަށް އެއްވެސް އިސްލާހެއް ގެންނަންޖެހޭ ނަމަ، އެކަމެއް ދިރާސާކުރުމަށެވެ.
"އެ މަސްއޫލިއްޔަތަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ ދަށުން، އާންމު ކޮމިޓީގެ މަސްއޫލިއްޔަތަކެވެ. އެއްވެސް ޙާލަތެއްގައި، އެ މައްސަލަ ޢާންމު ކޮމިޓީ އަށް ފޮނުއްވާފައިވަނީ އިސްވެ ދެންނެވި ސުޕްރީމް ކޯޓުގެ ޙުކުމް ދިރާސާކުރެއްވުމަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކަމުގައި ޢަމަލުކުރައްވާފައިވަނީ، އަދި ޢަމަލުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތަކުގެ ތެރެއިން، އަދި އެހެން މައްސަލަތަކުގައިވެސް ޢަމަލުކުރައްވަމުން އަންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި، އެ މައްސަލަ ޢާންމު ކޮމިޓީއަށް ފޮނުއްވާފައިވަނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމަށް އިޙްތިރާމް ކުރެއްވުމުގެ ވެސް ގޮތުންނެވެ،" މަޖިލީހުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
މި ކަމުގައި މަޖިލީހުން ބަޔާނެއް ނެރުނު އިރު، މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވެސް އިއްޔެ ވިދާޅުވެފައިވަނީ، ހޯމް މިނިސްޓަރުގެ މައްޗަށް ނަގަން ހަމަޖެހިފައިވާ އިތުބާރު ނެތް ކަމުގެ ވޯޓު ފަސްނުކުރެވޭނެ ކަމަށެވެ.
އަދި މި މަހުގެ އަށް ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުން ބޮޑުވެ ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް ނިޒާމު ގެއްލުމާ ގުޅިގެން ރިއާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ "އަޅުގަނޑު ގަސްތުކުރަނީ ސުޕްރީީމް ކޯޓުގެ ހުކުމް އާންމު ކޮމިޓީ އަށް ފޮނުވައި، އާންމު ކޮމިޓީން ދެއްވާ ލަފައެއްގެ މަތިން މަޖިލީހުގެ ތަޅުމަށް ގެނެސް މިކަން ކުރިއަށް ގެންދަން،" ކަމަށެވެ. އެކަމަކު އޭރު ވެސް އެ މައްސަލަ އޮތީ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް އާންމު ކޮމިޓީއަށް ފޮނުވި ގޮތަށް ވަކި ގޮތެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ