"ހަވީރު"ގެ ލިއުމަކަށް އިންޑިއަން ހައި ކޮމިޝަނުން ރައްދުދީފި

މި މަހު ފަސް ވަނަ ދުވަހު "ހަވީރު"ގައި ލިއުނު ކޮލަމަކަށް އިންޑިއަން ހައި ކޮމިޝަނުން މިއަދު ރައްދުދީފި އެވެ.ތިން ސަފުހާގެ ބަޔާނުގައި ހައި ކޮމިޝަނުން ބުނެފައި ވަނީ "ރޯ އަވީލައިގެން ދޭ ވިސާ" މި ސުރުޚީގެ ދަށުން އިސްމާއިލް ނަސީރު ލިއެފައި ވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން އާންމު ދިވެހިންނަށް އޮޅުންތަކެއް އަރާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.ހައި ކޮމިޝަނުން ބުނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖެ އިން ބޭރުކުރީ އެކުންފުނީގެ އަގު ވެއްޓޭ ފަދަ ދޮގު ވާހަކަތައް ފަތުރައިގެން ކަމަށެވެ.އިންޑިއާ އަށް ބޭސްފަރުވާ އަށްދާ ދިވެހިންނަށް ކުރިމަތިވެފައިވާ ވިސާގެ ދަތިތަކާ ބެހޭ ގޮތުން "ހަވީރު"ގައި ލިޔުނު ލިއުމަށް ދިން ރައްދުގައި ބުނެފައިވާ ގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް އަސަރުކުރާނެ ފަދަ ކަންތައްތައް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމަށް އިންޑިއާ އިން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ.ހައި ކޮމިޝަނުން ބުނީ ވިސާ އަށް އެދޭ ދިވެހިންނަށް ވީހާ ވެސް ލުއި ފަސޭހަ ކޮށްދެވޭތޯ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.އެ ބަޔާނުގައި ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި ދުއްތުރާތަކާ ބެހޭ ގޮތުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާގެ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާ މެދު 500 އަށް ވުރެ ގިނަ ޝަކުވާ މިދިޔަ އަހަރު ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އިންޑިއާ ރައްޔިތުންނަށް ވަޒީފާ ދޭ ފަރާތްތަކުން އެމީހުންނާ މެދު ކަންތައް ކުރަނީ "އަޅުން" ގެންގުޅޭ އުސޫލުން ކަމަށް ވެސް ހައި ކޮމިޝަނުން ބުނެ އެވެ. އޭގެ މިސާލެއް ދައްކަމުން އިންޑިއާގެ ދެ ނަރުހަކަށް ދިމާވި ހާދިސާއެއް ފާހަގަކޮށްފައިވެ އެވެ. އެ ދެ ނަރުހުންގެ ކައިވެނި ކެންސަލްކުރަން ޖެހުނީ ކައިވެނި ކުރަން ކަނޑައަޅާފައި އޮތް ދުވަސް އައިއިރު ވެސް އެމީހުންގެ ޕާސްޕޯޓް ހެލްތު މިނިސްޓްރީން ނުދީގެން ފުރޭ ގޮތް ނުވުމުން ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ."އެކަމަކު ފުރަން ޖެހޭ ދުވަހުގެ ކުރިން އަތޮޅުތަކުން އެމީހުން މާލެ އައިސް، އެމީހުންގެ އަމިއްލަ ޚަރަދުގައި ތިއްބެވެ،" ބަޔާނުގައިވެ އެވެ."ދެ ގައުމުގެ ދޭތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިންޑިއާ އިން ވާހަކަ ދައްކަމުންދާއިރު، ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ މެދު ކަންތައްކުރާ ގޮތާ މެދު ހުރި އެއްވެސް ކަންބޮޑުވުމަކަށް ހައްލެއް ގެނެވިފައެއް ނުވެ އެވެ." ހައި ކޮމިޝަނުން ބުނީ އިންޑިއާ އަށް ދާ އެއްވެސް ދިވެއްސަކު ވިސާ ފީ ދައްކަން ނުޖެހުނަސް ރާއްޖެ އަންނަ އިންޑިއާގެ ރައްޔިތުންނާ މެދު އެ އުސޫލުން ކަންތައް ކުރަމުން ނުދާ ކަމަށެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ އިންޑިއާގެ އެތައް ބަޔަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ހުރަސްއަޅާ ކަމަށް ވެސް ބުނެފައިވެ އެވެ.އިންޑިއަން ހައި ކޮމިޝަނުން ބުނީ "ހަވީރު" ކަހަލަ އިތުބާރު ހިފޭ ނޫހެއްގައި، ކަމުގެ ހަގީގަތް ނުބަލާ އެފަދަ އެއްޗެއް ލިއުމުން ހިތާމަކުރާ ކަމަށާއި އެއީ ދިވެހިންނަށް ޚިދުމަތް ފޯރުކޮށްދޭން ރެ އާއި ދުވާލު ހައި ކޮމިޝަނުގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ހިތްވަރުއެލުމެއް ކަމަށެވެ."ހަވީރު"ގައި ޖެހި ކޮލަމްގައި ހައި ކޮމިޝަނުގެ ބައެއް މުވައްޒަފުން ވިސާ ފޯމްތައް ދިވެހިންނާ ދިމާއަށް ހޫރާލާ ކަމަށް ލިއެފައިވާ ޕޮއިންޓަށް ރައްދުދެމުން އިންޑިއަން ހައި ކޮމިޝަނުން ބުނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ރަނގަޅަށް ފުރިހަމަކުރަން އެދުމުން ހައި ކޮމިޝަންގެ މުވައްޒަފުންނާ ދިމާއަށް ބައެއް ދިވެހިން ލިއުންތައް އުކާލުން ފަދަ ހާދިސާތައް ދިމާވެފައިވާ ކަމަށް ބުނެފައި އެވެ.ހައި ކޮމިޝަނުން ބުނި ގޮތުގައި ކޮންމެ މައްސަލައެއް ޖީއެމްއާރު ބޭރުކުރުމާ "ހަވީރު"ން ގުޅުވިޔަސް، ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި ހާލަތާ މެދު ވާހަކަ ދައްކަނީ އަދި ލިއަނީ ވެސް ވަރަށް މަދުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ