އަނެއްކާވެސް ފާރިސް މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ. މިރޭ 8:30 ގައި ފުލުސް އޮފީހަށް ވަޑައިގެން 10:00 އިރު ނިކުމެވަޑިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފާރިސް ވިދާޅުވީ މިއީ ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ފުލުހަށް ހާޒިރުކުރި ފަސް ވަނަ ފަހަރު ކަމަށާއި އެކި ފަހަރު ދައްކަވަނީ އެކި ވާހަކަތައް ކަމަށެވެ. "މިކަމަކީ ސިޔާސީ ނުފޫޒުގެ ތެރެއިިން ހިނގާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއްވެސް ތުހުމަތެއް އޮތްނަމަ އެ ތުހުމަތަކީ ކޮބައިކަން އަދި މުޅިއަކުން ސާފެއް ނުވޭ. އެކިފަހަރު އެކި ގޮތައް ވާހަކަތައް އިވެމުން މިދަނީ،" ފާރިސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުލުހަށް ހާޒިރުކުރުމުގެ މައިގަނޑުު ސަބަބެއް ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހު ނަގާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ ކުރިން މެމްބަރުންނަށް ފުރައްސާރަކޮށް ބިރު ދެއްކުން ކަމަށާއި ސަރުކާރުގެ އިސްވެރިން ބޭނުން ވަނީ އިދިކޮޅު މެމްބަރުން ހަތްޔަރުކުރުމަށް ކަމަށެވެ. "މިހާރު ފެނިގެން މިދަނީ އެ ވޯޓް އަޅުގަނޑުމެން ކާމިޔާބު ކުރާނެ ކަމުގެ ހެކި. އަޅުގަނޑު އަދި އިތުރު ފަހަރު ތަކުގައި ފުލުސް އޮފީހަށް ގެންދިޔަ ނަމަވެސް ގާނޫނުގައި ވާ ގޮތުގެ ގޮތުން ނަމަ އަޅުގަނޑު ހަައްޔަރެއް ނުކުރެވޭނެ. އަޅުގަނޑަކީ ކުށެއް ކޮށްފައި ހުރި މީހެއް ނޫން،" ފާރިސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުލުހުން އެދުނު ކޮންމެ އިރެއްގައި ވެސް ފުލުސް އޮފީހަށް ދާން މިހުރީ ތައްޔާރަށް ކަމަށާއި އެ އިދާރާއިން ކުރާ ކޮންމެ ތަހުގީގަކަށް ވެސް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ "މިހާރު މި އެނގިގެން މިދަނީ އަޅުގަނޑުމެން މިކުރާ މަސަތްކަތުން ބައެއްކަށް އަސަރުކުރާ ކަން. އަޅުގަނޑުމެން މިހާކެރިގެން ނުނިކުތްނަމަ މިހާރު އަޅުގަނޑު ވެސް ހުންނާނީ ހަތްޔަރުކޮށްފައި. އަޅުގަނޑުމެންގެ ތެރެއިން އިތުރު މެމްބަރުން ވެސް ހައްޔަރުކޮށްފަ މިހާރު ތިބޭނީ،" ފާރިސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހޯމަ ދުވަހު ނަގާ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ސަރުކާރަށް ކާމިޔާބު ކުރެވޭނެ ހަމައެކަނި ގޮތަކީ މަޖިލީހުގެ މެމްބަރުންތަކެއް ހަތްޔަރު ކުރުން ކަމަށާއި އެކަމަށް މި ސަރުކާރު ފަހަކަށް ވެސް ނުޖެހޭނެ ކަމަށެވެ. "ދެން ހައްޔަރު ކުރުމަކީ ބިރުވެރި ކަމެއް. ބިރުގަތަސް އަޅުގަނޑުގެ ވާޖިބު އަދާކުރާނަން. އަޅުގަނޑު މިކުރާ ތަޖުރިބާގެ ތެރެއިން އެތައް ބައިވަރު މަޖިލިސް މެމްބަރުންނަކަށް ހިތްވަރު ލިބިގެން އެބަދޭ،" ފާރިސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ