ގާޒީ ބާރީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައި، ސަސްޕެންޝަން އުވާލަނީ
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމައި، އޭނާގެ ސަސްޕެންޝަން އުވާލަން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.ގާޒީ ބާރީގެ މައްޗަށް ތުހުމަތު ކުރެވުނީ ކޮން ސުލޫކީ މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނި ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ އަޚުލާގީ މައްސަލައެކެވެ. އެ މައްސަލަ ބަލަން ފެށުމުން ޖޭއެސްސީން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބާރީ ސަސްޕެންޑްކޮށްފަ އެވެ.ޖޭއެސްސީން ބުނީ އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނެތުމުން ކަމަށެވެ. އެހެންވެ ގާޒީ ބާރީގެ ސަސްޕެންޝަން އުވާލައި، އަލުން މަސައްކަތަށް ނިކުންނެވުމަށް އޭނާއަށް އެންގުމަށް ވެސް މިއަދު ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.ގާޒީ ބާރީ ދޮޅު އަހަރެއްހާ ދުވަހަށް ސަސްޕެންޝަންގައި ހުންނެވި ނަމަވެސް އެ މުއްދަތުގައި ވެސް މުސާރަ އާއި އިނާޔަތްތައް ދެމުން ގެންދިޔަ އެވެ.ގާޒީ ބާރީއަކީ ކްރިމިނަލް ކޯޓުގައި ބޮޑެތި މައްސަލަތައް ނިންމަވާފައިވާ ގާޒީއެކެވެ. އެގޮތުން މަސްތުވާތަކެތީގެ ބޮޑުން ކަމަށް ބުނެ ދައުލަތުން ދައުވާކުރި ދެ މީހެއްގެ މައްސަލަ އޭނާ ބެއްލެވި އެވެ. އަދި 2008 ގައި އޭރުގެ ރައީސް މައުމޫނަށް ހއ. ހޯރަފުށީގައި ވަޅިން ހަމަލާދޭން އުޅުނު މީހާ 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެއްވުމުގެ އިތުރުން 2012 ގައި ކ. ކާށިދޫގައި ފުލުހުން ސާޖަންޓް އާދަމް ހަލީމް މަރާލި އެރަށު ސުވާސާގޭ މުހައްމަދު ސަމާހަށް މަރުގެ ހުކުމް އިއްވީ ވެސް ގާޒީ ބާރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ