މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާ ނުކުރަން ނިންމައިފި

މާލޭގެ މަގުތަކުގައި މިއަދު ހަވީރު ހަތަރަކުން ފެށިގެން ތިން ގަޑިއިރަށް ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކޮށްފައި އޮތް އޮތުމަށް ސަރުކާރުން ބަދަލުގެނެސް ވެހިކަލް ދުއްވޭ ގޮތަށް ހަމަޖައްސައިފި އެވެ. ސިޓީ ކައުންސިލުން ހަމަޖައްސާފައި އޮތީ މިއަދު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 7:00 އާ ހަމައަށް ވެހިކަލް ދުއްވުން މަނާކުރުމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވީ ހަވީރު ވަރަށް ގިނަ އިވެންޓްތައް ހުރުމާ އެކު ވެހިކަލް ދުއްވުން ހުއްދަކުރަން މާލޭ ސިޓީ ކައުންސިލާއި ފުލުހުންނަށް މިހާރު އަންގާފައިވާ ކަމަށެވެ. އެެހެންކަމުން މިއަދު ހަވީރު ވެހިކަލް ދުއްވިއަސް ފިޔަވަޅު ނާޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މުހިއްމު ގިނަ އިވެންޓްތަކެއް ދުރާލައި ރާވާފައި ހުރީ ވެހިކަލް ބޭނުންކޮށްގެން ކުރިއަށް ގެންދާ ގޮތަށް. އޭގެ ތެރޭގައި ކުޑަކުދިންގެ އިވެންޓްތައް ވެސް ހިމެނޭ. އެހެންވެ އެ އިވެންޓްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ވެހިކަލް ދުއްވުމުގެ ހުއްދަ ދޭން ނިންމީ،"€ ނާފިޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވެހިކަލް ދުއްވުން މަނާކުރަން ސިޓީ ކައުންސިލުން ނިންމީ ވެސް ވަރަށް ވަގުތު ކުޑަތަންވެފައި އޮއްވަ އެވެ. ވެހިކަލް ދުއްވުން މަނާކޮށްފި ނަމަ އިވެންޓްތައް ރާވާފައި ހުރި މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ