ވިލިނގިލީގައި ވިލާގެ ކެމްޕަހެއް ގާއިމުކޮށްދޭނަން: ގާސިމް

ގއ. ވިލިނގިލީގައި ވިލާ ކޮލެޖްގެ ކެމްޕަހެއް ގާއިމުކޮށްދެއްވާނެ ކަމަށް އެ ކޮލެޖްގެ ފައުންޑަ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.ވިލިނގިލީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ އެ ރަށަކީ ތައުލީމަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް އުޅޭ ރަށެއް ކަމަށާއި އެ ރަށުގައި ވިލާ ކޮލެޖްގެ ކެމްޕަހެއް ގާއިމުކޮށް ދިނުމަށް އެދެމުންދާ ކަމަށެވެ."ތިޔަ ބޭފުޅުން އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުން މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑު ހާސިލުކޮށްދޭނަން،" ގާސިމް އެހެން ވިދާޅުވުމާއެކު އަތްތިލަ ބަޑީގެ ތަރުހީބު މުޅި ހޯލުގައި ގުގުމައިގެން ދިޔަ އެވެ.ގއ. އާއި ގދ. އަކީ ޓޫރިޒަމް ތަރައްގީވަމުން އަންނަ ރަށްތަކެއް ކަމަށާއި އެ ރިސޯޓްތަކުގެ ވަޒީފާގައި ތިބޭނެ ބަޔަކީ އެ އަތޮޅުތަކުގެ ޒުވާނުންނަށް ވެގެން ދިއުން މުހިންމު ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންވެ ވިލިނގިލީގައި ގާއިމުކުރާ ވިލާ ކޮލެޖްގެ ކެމްޕަހުގައި ހޮޓެލް އެންޑް ޓޫރިޒަމް ސްޓަޑީޒް ކިޔަވައިދޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ."އެކަން ކުރުމުގައި އެހެން އެއްވެސް ބަޔަކަށް ނުދެވޭނެ ވަސީލަތްތައް އަޅުގަނޑުމެންނަށް މާތް ﷲ މިއަދު ތަނަވަސްކޮށްދެއްވާފައިވޭ،" ގިނަ ރިސޯޓްތަކެއް ހިންގަވާ ގާސިމް ވިދާޅުވި އެވެ.އަޅުގަނޑުމެންގެ މުޖުތަމައުގެ ހާލަތާއި ޒުވާނުންގެ އުޅުމާއި އަހްލާގު ރަނގަޅުކުރުމަށްޓަކައި ތައުލީމީ ނިޒާމަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މާއްދާގެ ދަށުން ދިވެހި ތާރީހާއި ސަގާފަތާއި ގާނޫނު އަސާސީ އާއި ގާނޫނުތައް އަދި އިސްލާމީ ރިވެތި އަހްލާގު ކިޔަވައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."މިކަންކަން ހިމަނައިގެން އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތުކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް. އެއީ މިއަދާއި މާދަމައަށްޓަކައި،" ގާސިމް ވިދާޅުވި އެވެ.އައްޑު އާއި ގއ. އަދި ގދ. އަކީ "ދިވެހި ލޭނާރު" ދަމަހައްޓާ ދެ އަތޮޅު ކަމަށާއި މަސްވެރިކަމުން ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދެނީ ވެސް އެ އަތޮޅުތައް ކަމަށް ގާސިމް ވިދާޅުވި އެވެ. މަސްވެރިކަން ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ވެރިކަމުގައި ލުއި ގޮތެއްގައި އަނބުރާ ފައިސާ ދައްކާ ގޮތަށް ފައިބަގްލާސް ދޯނިފަހަރު މަސްވެރިންނަށް ދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ދޯނިފަހަރުގެ ފައިސާ އަނބުރާ ދައްކަން ޖެހޭނީ 10 އަހަރު ތެރޭގައި ކަމަށާއި އެ ދޯނިފަހަރު ހަވާލުކުރާނީ ހުރިހާ ސާމާނަކާއި އެއް ދަތުރުގެ ތެލާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސްރީލަންކާ އާއި
އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އާސަންދައިގެ ހިދުމަތް އެ ދެ
ގައުމުން ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ