މިއީ އަޅުގަނޑަށް ހައްގު އިއްޒަތެއް ނޫން: މައުމޫން

ރާއްޖޭގެ ރައީސްކަން 30 އަހަރުގެ ދިގު މުއްދަތަކަށް ކުރައްވާފައިވާ މައުމޫން އަބްދުލް ގައްޔޫމަށް ރޭ އެރުވި "ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަން" ލަގަބަކީ ހައްގު ލަގަބެއް ނޫން ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ އެއީ ހައްގު ލަގަބެއް ނޫން ނަމަވެސް އެ މަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި ރާއްޖެ އަށް ކޮންމެވެސް ވަރެއްގެ ތަރައްގީއެއް ގެނެވުނު ކަމަށް ރައީސް މުހައްމަދު ވަހީދު އަދި ދިވެހި ދައުލަތުން ގަބޫލުކުރާތީ އެރުވި ލަގަބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަދި އެ ކުރިއެރުމާ ތަރައްގީއަކީ މިފަދަ އިއްޒަތެއް ހައްގުވާ ފަދަ ކަމެއް ކަމަށް ދައުލަތަށް ފެނިވަޑައިގަންނަވައިގެން އެކަން ދެއްވީ. އެކަން އަޅުގަނޑު ފާހަގަކޮށް ސަރުކާރަށް ދައުލަތަށް، ރައީސަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މައުމޫން ވިދާޅުވި އެވެ.
ލަގަބު ހައްގު ނޫން ކަމަށް މައުމޫން ވިދާޅުވި ނަމަވެސް މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވެފައި ވަނީ މައުމޫނަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް އަރުވަން ނިންމެވީ މައުމޫން، ދިވެހި ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް، އެ މަނިކުފާނަށް ހައްގު މަގާމު އެރުވުމުގެ ގޮތުން ކަމަށެވެ.
ދައުލަތުގެ އެންމެ މަތީ އިއްޒަތް މީގެ ކުރިން އަރުވާފައި ވަނީ ރާއްޖެ އަށް މިނިވަންކަން ހޯއްދަވައި ދެއްވި ކުރީގެ ރައީސް އިބްރާހިމް ނާސިރަށާއި އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތު 2 ވަނަ އަށެވެ. ނާސިރަށް އެ ޝަރަފު އަރުވާފައި ވަނީ ފެބްރުއަރީ 9، 1976ގަ އެވެ. ރާނީ އަށް އިއްޒަތް އެރުވީ މާޗް 15، 1972ގަ އެވެ.
މި ލަގަބުގެ އިތުރުން އަށް ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތުގެ ލަގަބު ރޭ އަރުވާފައިވެ އެވެ. އައްބާސް އިބްރާހީމަށާއި އަބްދުއްރަޝީދު ހުސައިނަށާއި އަނީސާ އަހުމަދަށާއި އިސްމާއީލް ފަތުހީ އަށެވެ. ނިޝާން އަސްކަރީގެ ވެރިކަން އެރުވީ އެމްއެންޑީއެފްގެ ކުރީގެ ޗީފް މޭޖަރ ޖެނެރަލް (ރިޓަޔަޑް) މުހަންމަދު ޒާހިރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ