ސޫދާނުގެ ޢާންމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސް ރާއްޖެ ވަޑައިގެންފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދަޢުވަތަކަށް ސޫދާނުގެ ޢާއްމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސް ޑރ. ޢަބްދުލްޙައްޔު ޔޫސުފު ޢަބްދުއްރަޙީމް ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނަށް ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރްޙަބާ ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ، އިސްލާމިކް އެފެއަރޒް ޑިވިޝަންގެ ބައެއް އިސްވެރިންނާއި މުވައްޒަފުންނެވެ.
ޑރ. ޢަބްދުލްޙައްޔު ޔޫސުފު ޢަބްދުއްރަޙީމަކީ، ސޫދާނުގެ ޢާންމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސްގެ އިތުރުން ސޫދާނުގެ ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ކަމާއި ސޫދާނުގެ މުޖުއްމަޢު ޚާތަމުލް މުރުސަލީން މިސްކިތުގެ އިމާމު ކަމާއި ޚަޠީބުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދަޢުވަތަކަށް ޑރ. ޢަބްދުލްޙައްޔު ޔޫސުފު ޢަބްދުއްރަޙީމް ރާއްޖެ ވަޑައިގަތީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމާއި ދީނީ ލެކްޗަރތަކެއް ދިނުމަށްޓަކައި ބައްދަލުވުންތަކެއް ބޭއްވުމަށެވެ.
މިގޮތުން ޑރ. ޢަބްދުލްޙައްޔު ޔޫސުފު ޢަބްދުއްރަޙީމް ބައްދަލުކުރައްވަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންނާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އިމާމުންނާއި ޚަޠީބުން ހިމެނިވަޑައިގަންނަވައެވެ.
މި ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމްދީނާބެހޭ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ދަށުން ދަޢުވަތުގެ މައިދާނުގައި ޚަރަކާތްތެރިވާ ފަރާތްތަކަށް ބޭއްވޭ ޕްރޮގްރާމެކެވެ.
މިދަތުފުޅު ނިންމަވާލެއްވުމަށްފަހު މި މަހުގެ 09 ވާ އާދީއްތަ ދުވަހު ޑރ. ޢަބްދުލްޙައްޔު ޔޫސުފު އެނބުރި ޤައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު، އެމަނިކުފާނު ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ބާޤިރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ