24 ގަޑިއިރަށް ފެން ދޫކުރަން 7-10 ދުވަސް ނަގާނެ: އުމަރު

މާލެއަށް 24 ގަޑިއިރަށް ފެން ދޫކުރަން ހަތް ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެމްޑަބްލިޔޫއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނަށް ލިބިފައިވާ ގެއްލުންތައް ދައްކާލުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ 24 ގަޑިއިރަށް ފެން ދޭން ފެށުމުގެ ކުރިން ވެސް، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި "ކްރައިސިސް ތެރެއިން ނިކުމެވޭ ވަރު ކޮށްދެވޭނެ ކަމަށް އަންދާޒާ ކުރެވޭ" ކަމަށެވެ.  ކުއްލި ހާލަތުން އަރައިގަނެވޭނީ ތިން ޕްލާންޓަކުން ފެން އުފައްދަން ފެށުމުން ކަމަށާއި އޭރުން ކޮންމެ އަށް ގަޑިއިރެއްގެ ތެރޭގައި ޖުމުލަ ދެ ގަޑިއިރަށް ފެން ދޫކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. މިހާރު ފެން ދޫކުރަނީ ކޮންމެ 12 ގަޑިއަރަކުން، އެއް ގަޑިއިރަށެވެ. ބުރާސްފަތި ދުވަހު ފެނުގެ ހިދުމަތް މެދުކެނޑު ފަހުން، ފެން އުފައްދަން ފެށީ މިއަދު ކަމަށާއި މިއަދު މެންދުރު ދޫކުރި ފެނަކީ އެމްޑަބްލިޔޫއެސްސީގެ އެއް ޕްލާންޓް ހިންގައިގެން އުފެއްދި ފެން ކަމަށް އުމަރު ވިދާޅުވި އެވެ. އޭގެ ކުރިން ދޫކުރީ ރިޒާވް ޓޭންކްގައި ހުރި ފެނެވެ. މިހާރު އެންމެ ޕްލާންޓަކުން ފެން އުފެއްދި ނަމަވެސް، އިތުރު ޕްލާންޓަކުން މިރޭ ފެން އުފައްދަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ. "ސިންގަޕޫރުން ޕެނަލްތައް އެސެމްބްލްކޮށްގެން ގެންނަންދެން އަޅުގަނޑުމެން އުޅެން ޖެހޭނީ މިކަހަލަ ގޮތަކަށް، ފެން ކަނޑާ، ފެން ދީ،" އޭނާ ވިދާޅުވި އެވެ.އަލިފާނުގެ ހާދިސާތަކުގައި އެމްޑަބްލިޔޫއެސްސީގެ ޖަނަރޭޓަރުތަކާއި ފެން ޕްލާންޓްތަކަށް ގެއްލުމެއް ނުވިޔަސް، އަނދައިގެން ދިޔައީ އެ ތަނުގެ "މައި ސިކުނޑިތައް" ކަމަށް އުމަރު ވިދާޅުވި އެވެ. އެއީ ފެން ޕްލާންޓްތަކާއި ޖަނަރޭޓަރުތައް ގުޅުވާލަދޭ ޕެނަލްތަކެވެ. އެމްޑަބްލިޔޫއެސްސީގައި ނުވަ ޕްލާންޓް ހުރިއިރު، ކޮންމެ ޕްލާންޓަކަށް މަދުވެގެން ދެ ޕެނަލް ބޭނުންވެ އެވެ. ފެން އުފެއްދުން ހުއްޓުނީ އެ ޕެނަލްތައް އަލިފާނުގެ ހާދިސާގައި ހަލާކުވުމުންނެވެ. ޕެނަލް ރޫމުގައި މުޅިން ހަލާކު ނުވެ ހުރީ، އެތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ތިން ޕެނަލެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި އެވެ. މިއަދު އެއް ޕްލާންޓް ހިންގަން ފެށީ، މުޅިން ހަލާކުނުވެ ހުރި ޕެނަލްތަކުގެ ބައެއް ނަގައިގެން ޕެނަލް ބޯޑެއް ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.  އާ ޕެނަލްތަކަކީ ވަގުތުން ގަންނަން ލިބޭ ތަކެއްޗެއް ނޫން ކަމަށާއި އެތަކެތި ޖެހެނީ އުފައްދަން ކަމަށް އުމަރު ވިދާޅުވި އެވެ. "މި ޕެނަލްތަކަކީ އެ މަރުކަޒުތަކަކަށް ހާއްސްކޮށްގެން އެސެމްބްލުކޮށްގެން ހަދާ އެއްޗެއް. އެހެންވީމާ އަޅުގަނޑުމެންނަކަށް ނެތް ދުނިޔޭގެ އެއްވެސް ގައުމެއްގައި ހަމަ އަޅުގަނޑުމެން ގޮސް ގަނެގެން ގެނެވޭކަށް. މި ޖެހެނީ އުފައްދަން،" އޭނާ ވިދާޅުވި އެވެ. ޕެނަލްތައް ހެދުމުގެ މަސައްކަތް މިހާރު ސިންގަޕޫރުގައި ކުރަމުންދަނީ އެމްޑަބްލިޔޫއެސްސީގެ 20 ޕަސެންޓް ހިއްސާ އޮންނަ ޖަޕާނުގެ ހިޓާޗީ ކުންފުނީގެ، ސިންގަޕޫރު ބްރާންޗުން ކަމަށް އުމަރު ވިދާޅުވި އެވެ. އެ ކުންފުނިން ޕެނަލްތައް ހަދާއިރު އެ ކުންފުނީގެ ފަންނީ ޓީމެއް ރާއްޖެ އައިސް އެމްޑަބްލިޔޫއެސްސީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެއީ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ވަޒަން ކުރުމަށެވެ. ސިންގަޕޫރުގައި މިހާރު ހަދަމުންދަނީ ދެ ޕެނަލެއް ކަމަށާއި އެ ދެ ޕެނަލް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ނިމޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މާލެ ގެނެސް އެ ތަކެތި ހަރުކުރަން އިތުރު ފަސް ވަރަކަށް ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފެނުގެ ހިދުމަތް މެދުކެނޑުމުން، ބޯން ބޭނުން ކުރަން ސަރުކާރުން ހިލޭ ދޫކުރާ ފެން ފުޅި ހޯދުމަށާއި، މާލޭގެ އެކި ސަރަހައްދުތަކުން ދޫކުރާ ސަޕްލައި ފެން ހޯދުމަށް މީހުން ދަނީ ކިޔޫ ޖެހެމުންނެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ވެސް ވަނީ ބުރޫއަރާފަ އެވެ. އާދީއްތަ ދުވަހާއި ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ