މެމްބަރު ނާޒިމެގެ މައްސަލާގައި އިތުރުކަންކަން ސާފު ކުރުމަށްފަހު އަޑުއެހުންތައް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މަކަރާއިި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލަތަކުގައި ހުކުމް ކުރުމުގެ ކުރިން ފަނޑިޔާރުންގެ ބެންޗުން އިތުރު ކަންތައްތަކެއް ސާފުކޮށްފި އެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ނަމިރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ނާޒިމް ހުރެ، މުވައްޒަފުންނާއި ތަކެތި ބޭނުންކޮށް އޮޅުވާލައިގެން ބިޑްތަކެއް ކާމިޔާބު ކުރި މައްސަލަ އަކީ އޭނާގެ މައްޗަށް ކުރެވޭނެ ދައުވާއެއް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ދައުލަތުން ހުށަހެޅީ ނާޒިމްގެ މައްޗަށް އުފުލި ދައުވާ އަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ވެސް ތާއިދުކޮށްފައިވާތީ ހުށަހަޅާފައިވާ މައްސަލަ އެވެ. ކުރީގެ އެޓޯލްސް މިނިސްޓްރީން ބަނދަރު ބައްތިތަކެއް ގަތުމަށާއި މިސްކިތްތަކަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށާއި 15،000 ދިދަ ގަތުމަށް ދެ ފަހަރަކަށް އިއުލާން ކުރުމުން، ނަމިރާއިން ބިޑް ހުށަހެޅުމަށްފަހު އެ ކުންފުނީގެ މުވައްޒަފުން މެދުވެރިކޮށް އެހެން ކުންފުނީގެ ނަންމަތީގައި ވެސް ބިޑް ހުށަހެޅި ކަމަށް ދައުލަތުން ބުނެ އެވެ. އަދި އެހެން ކުންފުނީގެ ނަންމަތީ ބިޑް ހުށަހަޅާފައިވަނީ އެ ކުންފުނިތަކަށް ވެސް ނޭނގި ކަމަށާއިި އެކަން ކުރުމުގެ "މުގުލު"ގައި ހުރީ ނާޒިމް ކަމަށް ދައުލަތުން ދަނީ ސުޕްރީމް ކޯޓުގައި ބުނަމުންނެވެ. ދެ ފަރާތުގެ އަޑުއެހުންތައް ނިންމާލާފައިވަނިކޮށް މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި އުއްތުމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ މިއަދުގެ އަޑުއެހުން ބޭއްވީ ބައެއް ފަނޑިޔާރުން ސާފުކޮށްލަން ޖެހޭ ކަންކަން ހުރުމުންނެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އެއްކޮށް ބައްލަވާ އެ މައްސަލައިގައި މިއަދު ސުވާލު ކުރެއްވީ ފަނޑިޔާރު އާދަމް މުހައްމަދު އެކަންޏެވެ. ނަމިރާ ކުންފުނިން ކޮށްފައިވާ ކަމަށް ބުނާ މަކަރާއި ހީލަތް ހެދުމުގެ އަމަލުގައި ނާޒިމް ބައިވެފައިވާ ކަމަށް ދައުލަތުން ބުނަނީ ކީއްވެގެންތޯ އާދަމް މުހައްމަދު އެއްސެވުމުން ދައުލަތުގެ ވަކީލުން ބުނީ ނާޒިމަކީ މެނޭޖިން ޑިރެކްޓަރު ކަމަށްވެފައި އޭނާއަކީ ދުވަހުން ދުވަހަށް ކުންފުނީގެ ކަންކަން ބަލާ ފަރާތް ކަމަށް ވާތީ ކަމަށެވެ. އަދި ނަމިރާއިން އެހެން ކުންފުނިތަކުގެ ނަމުގައި ބިޑްތައް ހުށަހަޅާފައިވަނީ ނަމިރާގެ އިތުރުން އެހެން ކުންފުނިތަކުން ބިޑް ހުށަހެޅިކަން ހާމަކޮށްދިނުމަށް ކަމަށް ދައުލަތުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބައެއް ކުންފުނިތަކުގެ ނަންމަތީ ބިޑް ހުށަހަޅާފައިވާއިރު އެއީ ރަޖިސްޓްރީ ވެސް ކޮށްފައިނުވާ ކުންފުނިތަކެއް ކަމަށެވެ. އަދި ހިނގަމުންދާ ބައެއް ކުންފުނިތައް ނަމުގައި ނަމިރާގެ މުވައްޒަފުން ބިޑު ހުށަހެޅީ އެ ކުންފުނިތަކަށް ނޭނގިކަން ސާބިތުކޮށްދިނުމަށް އެ ކުންފުނިތަކުގެ ހިއްސާދާރުން ފުލުހުންނަށް ދީފައިވާ ބަޔާން ހުށަހަޅާފައިވާނެ ކަމަށް ރާބިއު ވިދާޅުވި އެވެ. އޭގެ އިތުރުން ކުންފުންޏަށް ބިޑު ކާމިޔާބު ވުމުން ފައިސާ ލިބުނީ ނަމިރާ އަށް ކަމަށްވެފައި އެ އޮޅުވާލުން އޮޅުވާލައިވަނީ ނާޒިމްގެ އެންގުމަކަށް ކަން އެކަން ކުރި މީހުން ބުނެފައިވާއިރު އެއީ ނާޒިމްގެ މައްޗަށް ދައުވާ ކުރެވޭނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވާ މެމްބަރު ނާޒިމް ވިދާޅުވީ އެ މައްސަލައަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާއެއް ކަމަށާއި ނަމިރާ ކުންފުނީގެ މުވައްޒަފުން އޭނައާ ދެކޮޅަށް ބަޔާން ދީފައިވާއިރު އެ މީހުންނަށް ވަނީ ސަރުކާރުން ސިޔާސީ މަގާމުތަކެއް ދީފައި ކަމަށް ވިދާޅުވި އެވެ. ނާޒިމްގެ ވަކީލް ހުސްނުސުއޫދު ވިދާޅުވީ ނަމިރާ އަށް ބިޑު ކާމިޔާބުވެގެން ފައިސާ ލިބުނު ކަމަށް ބުނާ ވާހަކައަކީ ތެދެއްކަން ސާބިތުވާނީ ކުންފުނި އޮޑިޓްކޮށްގެން ކަމަށެވެ. އަދި ކުންފުނިން ކޮށްފައިވާ ކަމެއްގައި ނާޒިމްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލާގައި ދެން އިތުރުކަމެއް ސާފުކުރަން ނުޖެހޭ ނަމަ އޮންނާނީ ހުކުމް އިއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ