ވީޑިއޯ ޑިލީޓްކުރުވުމާއި ރާއްޖެޓީވީއާ ދޭތެރޭ ކޯޓުން އެޅި ފިޔަވަޅު ބަލައެއް ނުގަނެވޭ: މީޑިއާ ކައުންސިލް

ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިން އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ކެފޭއެއްގެ ތެރޭގައި ތިއްބަވަނިކޮށް ރާއްޖެ ޓީވީގެ ނޫސްވެރިން އެތަނަށް ވަދެ ވީޑިއޯކުރުމުން، އެ ނޫސްވެރިންނަށް ބިރުދައްކައި ބަޔަކު އެ ވީޑިއޯ ޑިލީޓްކުރުވުމާއި ދެ ޝަރީއަތަކަށް ރާއްޖެ ޓީވީ ނުވައްދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަލައިނުގަނެވޭ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ބުނެފި އެވެ.މުހްތާޒާއި ބާރީ އާދީއްތަ ދުވަހުގެ ރޭ މާފަންނުގައި ހުންނަ "ކެފޭ ލަޔާލީ"ގައި ތިއްބަވަނިކޮށް ރާއްޖެ ޓީވީން އެތަނަށް ގޮސް ވީޑިއޯ ކުރުމުން، އެ ވީޑިއޯ ޑިލީޓްކުރުވީ އެތަނަށް ދިޔަ ބަަޔަކު ނޫސްވެރިންނަށް ބިރުދައްކައި ގަދަކަމުންނެވެ. އޭރު ފުލުހުން ވެސް އެތަނުގައި ތިއްބެވެ. އެކަން އެހެން ހިނގާފައި ވަނިކޮށް، ރާއްޖެ ޓީވީގެ ނޫސްވެރިން ވަނުން މަނާކުރީ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ
މުހައްމަދު ހައްޔަރު ކުރުމާ ގުޅިގެން ހިންގަމުންދާ ޓެރަރިޒަމްގެ
ޝަރީއަތްތަކާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތްތަކަށެވެ.އެގޮތަށް ނިންމީ، ގާޒީންގެ ހަށިކޮޅަށް ގެއްލުންވާނެ ގޮތަށް ރާއްޖެ ޓީވީން އަމަލުކުރުމުން ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. މީޑިއާ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ މީހުންނަށް ވަދެ ނުކުމެވޭގޮތަށް އާއްމުކޮށް ހުޅުވާލާފައިވާ
ރެސްޓޯރަންޓެއްގައި ނުވަތަ އަމިއްލަ ފޯނުން ސެލްފީ އާއި ވީޑިއޯ ވެސް ނެގޭ
ފަދަ ހާލަތެއް އޮތް ތަނެއްގައި ރާއްޖެ ޓީވީގެ ނޫސްވެރިން ވަދެ ވީޑިއޯ
ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް މަނާކަމެއް ނޫން
ކަމަށް އޭނާ ވިދާޅުވި އެވެ."ނަމަވެސް އެ ހަތަރު ފާރުން އެތެރޭގައި ކުރާ
ކަމެއްގައި ހުރަސްއެޅުމުގެ އިހްތިޔާރު ތަނުގެ ވެރިފަރާތަށް އޮންނާނެ.
ނުވަތަ ތަނުގައި ތިބި މީހުން ހިތްހަމަނުޖެހޭ ގޮތަށް އަމަލުކޮށްފި ނަމަ
ނެރުމުގެ ފުރުސަތު އެބައޮތް،" މޮންދު ވިދާޅުވި އެވެ. "ނަމަވެސް އެ ފުޓޭޖަކީ ވެރިފަރާތާ ގުޅުން ހުރި ފުޓޭޖަކަށް ނުވާނަމަ އެކަން ފޮހެލާކަށް ނޭންގޭނެ." އޭނާ ވިދާޅުވީ ވީޑިއޯ ފޮހެލަން މަޖުބޫރުކުރުވިއިރު ފުލުހުން ތިބެ އެކަން ނުހުއްޓުވުމަކީ ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ފުލުހުންގެ އިދާރާ އިން ނޫސްވެރިންނަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ނުދިނުން ކަމަށް ވެސް މޮންދު ވިދާޅުވި އެވެ. ފުލުހުން ތިއްބައި ބަޔަކު ނޫސްވެރިންނަށް ބިރުދައްކައި އިންޒާރުދީ އެ ފުޓޭޖް ފޮހެލަން އެންގިއިރު ފިޔަވަޅެއް ނޭޅި މައްސަލަ މޮންދު ވަނީ ކުށްވެރިކުރައްވައިފަ އެވެ.ކައުންސިލް މެމްބަރު އަހްމަދު ހަމްދޫން ވެސް ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ. "ބަޔަކު ގޮސް ނޫސްވެރިންނަށް ބިރުދައްކައި ކަންކަން ކުރުން އެއީ މީޑީއާ ކައުންސިލުން ގަބޫލުކުރާނެ ކަމެއް ނޫން، ނޫސްވެރިން ރެކޯޑްކޮށްފައި ހުރި އެއްޗެއް ބިރުދައްކައިގެން ޑިލީޓްކުރުވައިގެން ވެސް ނުވާނެ،" ހަމްދޫން ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީގެ ވީޑިއޯ ޑިލީޓްކުރުވީ ކޮންބައެއްތޯ މީޑިއާ ކައުންސިލުން ބަލާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ