ހދ. ހޮނޑައިދޫގައި ބަނގުރާ ބޭނުންކުރުމުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ކުރާ ބަނގުރާ ގެންގުޅުމުގެ ދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް ބޮޑު އަދަބެއް ލިބޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގައި ދައުލަތުން ވަނީ ހާމިދުގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ސ. ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލްގެ މައްޗަށް ވެސް އެ ދައުވާކޮށްފަ އެވެ. އަދި އޭގެ އިތުރުން ކުޑަކަމުދާތަކެތި ނުދިނުމާއި ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާއެއް ވެސް އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ. ނަމަވެސް މިއަދު ކުރިއަށް ގެންދިޔައީ މައްޗަށް ކުރާ ބަނގުރާ ގެންގުޅުމުގެ ދައުވާ އާއި ޖާބިރުގެ މައްޗަށް ކުރާ ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާގެ ޝަރީއަތެވެ.
އެ ތިން މީހުންގެ މައްޗަށް ކުރާ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ފެއްޓުމަށް ފަހު އެ މައްސަލަ ބައްލަވާ ގާޒީ މުހުތާޒް މުހުސިން ވިދާޅުވީ ކޯޓުން މިހާރު އަމަލުކުރާ އުސޫލުގެ ދަށުން ދައުވާ އަށް އެއްބަސްވެއްޖެނަމަ އެ ކުށަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއް ދެވޭނެ ކަމަށެވެ. އަދި ދައުވާއަށް އިންކާރުކޮށްފައި ވަނިކޮށް ކުށް ސާބިތުވެއްޖެނަމަ ބޮޑު އަދަބެއް ދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް ވަކި ގޮތަކަށް ބުނުމަށް ޝަރީއަތުން ނާންގާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ދައުވާއަށް ޖަވާބުދާރީވުމަށް ކުރިން ހާމިދަށް ފުރުސަތު ދީފައިވީ ނަމަވެސް ހާމިދުގެ ވަކީލް ފަރީޝާ އަބްދުﷲ މިއަދު އެދިވަޑައިގަތީ އިތުރު ފުރުސަތެއް ދިނުމަށެވެ. އެކަމަކު ގާޒީ ވިދާޅުވީ މިއަދު ދައުވާ އަށް ޖަވާބުދާރީވާންޖެހޭނެ ކަމަށާއި ކުރިން ވެސް އެގޮތަށް އަންގާފައިވާނެ ކަމަށެވެ.
ގާޒީ އެހެން ވިދާޅުވުމުން ހާމިދު ވަނީ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ. ހާމިދު އެގޮތަށް ވިދާޅުވުމުން ގާޒީ މުހުތާޒް ވިދާޅުވީ ހާމިދުގެ މައްޗަށް އެ ކުށް ސާބިތުވެއްޖެނަމަ ބޮޑު އަދަބެއް ކަނޑައަޅުއްވާނެ ކަމަށެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ އެހެން މީހުންނެކޭ ވެސް އެއްފަދައިން ހާމިދަށް ވެސް ގާޒީ އެންގެވީ ދެން އޮންނަ މަޖިލީހެއްގައި ހުށަހަޅަން ބޭނުންވާ ހެކިތައް ހުށަހެޅުމަށެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ ޖާބިރާއި ޖާދުﷲގެ ޝަރީއަތް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ދެ މީހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކުރިން ދީފައި ނެތުމުން މިއަދު ވަނީ އެ ފުރުސަތު ދީފަ އެވެ.
ބަނގުރާ ގެންގުޅުމުގެ އަދަބަކަށް ގާނޫނުގައި އޮންނަނީ 1،000 ރ. އާއި 5،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ކަމަށެވެ.
ގާނޫނު އަސާސީ ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެނަމަ އެ މީހަކު މެމްބަރުކަމުން ވަކިވާނެ އެވެ.
ކުށް ސާބިތުވެއްޖެނަމަ ހާމިދަށް ބޮޑު އަދަބެއް ލިބޭނެ: ގާޒީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ