އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ބްރޯކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ދަރުބާރުގޭގައި ބޭއްވި ރިޔާސީ ބަހުސްގައި ގާސިމް ވިދާޅުވީ ރާއްޖެ މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ކަންތައްތައް ހައްލުކުރެވޭނީ ކަންތައްތައް ކުރަން ދަންނަ އަދި ކަންތައްތައް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ކަމަށެވެ.
"މާތްﷲގެ ވާގިފުޅާ އެކީގައި ދިވެހި ލޮބުވެތި ރައްޔިތުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮއްވަވައިފި ނަމަ، އަޅުގަނޑާ އެކު މި ތިއްބެވި ތިން ބޭފުޅުންނާ އެކީގައި އެކުވެރިކަމުގެ ސަރުކާރެއް ނުވަތަ އެއްބައިވަންތަ ސަރުކާރެއް އަޅުގަނޑު އުފައްދާނޭ. އެ ބޭފުޅުންނާއި އަދި އެ ބޭފުޅުންނަށް ތާއީދުކުރައްވާ ހުރިހާ ރައްޔިތުންނާ އެކީގައި،" ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އެހެން ކެންޑިޑޭޓުންނަށް އިޝާރަތްކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޭފުޅުންނަށް ދޭން ޖެހޭ ގަދަރާއި ހައިބަތު ދެއްވާނެ ކަމަށެވެ.
ދިވެހި ރާއްޖޭގެ ހާލަތު މިހާރު އޮތީ ހުންނަން ޖެހޭ މިންވަރެއްގައި ނޫން ކަމަށް އިޝާރަތްކުރައްވައި ގާސިމް ވިދާޅުވީ ރާއްޖެ ތަރައްގީކުރެވޭނެ ވަސީލަތްތަކާއި ގޮތްތައް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން ނުކުމެ މިތިބީ އެކަން ކުރަން. ﷲ ސުބުހާނަހޫ ވަތައާލާ ގަންދީ ހުވާކޮށްފައި އަޅުގަނޑު ދަންނަވަން އަޅުގަނޑު ދިވެހި ދައުލަތުގެ އެންމެ ބޮޑު ލާރިއަކަށް ވެސް ހިޔާނާތްތެރިއެއް ނުވާނަން. އަމާނަތްތެރިކަމާއި އިހުލާސްތެރިކަމާ އެކު އެކަން ކުރާނަން،" ރާއްޖޭގެ އެންމެ ބޮޑު އެއް މަހްޖަނު ގާސިމް ވިދާޅުވި އެވެ.
އޭނާގެ ވެރިކަމެއްގައި ރާއްޖެ ސިންގަޕޫރާއި ދުބާއީ ފަދަ ތަނަކަށް ހަދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި "މި ގައުމުގެ ކަރުނަ އާއި ވޭން ފިނިފެންމަލެއް ފަދައިން އިރާދަކުރެއްވިއްޔާ ފޮޅުވާލައި އުފާވެރިކަން ގެނެސްދޭނަން" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ބަހުސަށް ފަހު ނޫސްވެރިން ސުވާލުކުރުމުން ގާސިމް ވިދާޅުވީ މިހާރު ވެސް އިދިކޮޅު ފަރާތްތަކުން ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރާތަން ފެންނަމުން ނުދާ ކަމަށާއި އެކަމުގެ ސަބަބުން އިޖުތިމާއީ ފޭރާން ހަލާކުވެ، ތަރައްގީ އަށް ހުރަސް އެޅޭ ކަމަށެވެ.
"ޑިމޮކްރެޓިކް ހަޔާތް ވެގެންދާން ޖެހޭނީ އަޅުގަނޑުމެންނަށް ބާއްޖަވެރި ހަޔާތަކަށް. އަޅުގަނޑުމެން ފަނާކުރަނިވި، އަޅުގަނޑުމެންގެ ރައްޔިތުން ނިކުމަތިކުރުވަނިވި ކަމަކަށް ވަންޏާ ރަނގަޅަކަށް ނޫން އެދަނީ،" ގާސިމް ވިދާޅުވި އެވެ.
އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ