ނޮވެމްބަރު 11ގެ ކުރިން އާ ސަރުކާރެއް އިންތިޚާބު ނުކުރެވިއްޖެ ނަމަ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ ސަރުކާރު ދެމިއޮންނާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އަމުރުކުރީ ރައީސް މުހަންމަދު ވަހީދު ބޭނުންފުޅުވި ގޮތަށް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ނަސަންދުރާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ ސަރުކާރުގައި ދެމިހުންނަވަން ސުޕްރީމް ކޯޓުން ރައީސް ވަހީދަށް ގާނޫނީ ހައިސިއްޔަތު ދީފައިވާ ކަމަށް ޕީޕީއެމުން ގަބޫލުކުރާ ކަމަށެވެ. އަދި ނޮވެމްބަރު 11ގެ ކުރިން އިންތިޚާބު ބާއްވައި ނިންމުމަށް ރިޔާސީ ކެންޑިޑޭޓުންނާ އެކު ރައީސް ވަހީދު ބައްދަލުކުރެއްވިއިރު އެ މަނިކުފާނު ވެސް ބޭނުންފުޅުވީ "މިކަހަލަ ބަހެއް ޝަރުއީ ދާއިރާ އިން އަންނަން" ކަމަށް ޔާމީން ވިދާޅުވި އެވެ. އޭގެ އިތުރުން އެމްޑީޕީ އާއި ޕީޕީއެމް އަދި ޑީއާރުޕީ ގުޅިގެން ގާނޫނު އަސާސީ އަށް މާއްދާއެއް ރައްޔިތުންގެ މަޖިލީހުން އިތުރުކުރުމަކީ ވެސް ރައީސް ވަހީދު ބޭނުންފުޅުވި ގޮތެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެކަން ނުވެ މިދިޔައީ. ދެ ވަނަ އޮޕްޝަނަކަށް މިއޮތީ ކޮންމެވެސް ފަރާތަކުން ރައީސް ވަހީދަށް މި ލެޖިޓިމެސީ އަރުވާށޭ. އެހެންވީމާ ރައީސް ވަހީދު ހުންނެވީ ރައްޔިތުން މިކަމަށް އެދޭ މިންވަރެއްގައި މި ކަމުގައި ހުންނަވައި ދެއްވަން. ވަރަށް ސާފުކޮށް އެ ދުވަހުގެ މީޓިން އިން އެކަން އެނގިގެން ދިޔަ. މިހާރު މިއޮތީ ރައީސް ވަހީދު އެދިވަޑައިގެންނެވި ގޮތަށް ނޫނިއްޔާ އުންމީދު ކުރެއްވި ގޮތަށް ސުޕްރީމް ކޯޓް ހުކުމް އައިސްފައި. އެހެންވީމާ އަޅުގަނޑު ޔަގީންކުރަނީ ރައީސް ވަހީދު ދިވެހި ރައްޔިތުންނާ އެކީގައި، އަޅުގަނޑުމެންނަށް މި ދިމާވި އެންމެ އުނދަގޫ ވަގުތު ހުންނަވައި ދެއްވާނެއޭ. އެކަމަށް އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ދައުރު ހަމަވާއިރު ރައީސަކު އިންތިޚާބު ނުކުރެވިފައިވާ ނަމަ އެކަން ހައްލުކުރަން ޖެހެނީ ގާނޫނު އަސާސީ އަށް އިސްލާހެއް ގެނެސްގެންނެވެ. އަދި އެ މުއްދަތުގައި ރައީސަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ނާއިބު ރައީސް ނުވަތަ މަޖިލީހުން ކަނޑައަޅާ މެމްބަރަކާ ވަގުތީ ގޮތުން ވެރިކަން ހަވާލު ކުރުމަށް އެމްޑީޕީން ހުށަހަޅައި އެ ޕާޓީ އާއި ޑީއާރުޕީގެ އަޣުލަބިއްޔަތުން ފާސްކުރި ހުށަހެޅުން ބަލައިނުގަންނަ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ ހުށަހެޅުން ފާސްކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ އެ ވޯޓުގައި ޕީޕީއެމުން ބައިވެރިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުން ފާސްކޮށްފައި އޮތަސް އެއީ އެއްވެސް ކަހަލަ ގާނޫނީ ބުރަދަނެއް ހުރި އެއްޗެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން އޭރަކުން ވެސް މިހާރަކު ވެސް،" ޔާމީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި އަމުރުގައި ވަނީ ނޮވެމްބަރު 11 ގެ ކުރިން އާ ސަރުކާރެއް އިންތިޚާބު ނުކުރެވިއްޖެ ނަމަ މިހާރުގެ ރައީސާއި ސަރުކާރު ދެމިއޮންނާނެ ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އަމުރުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުން މި ގޮތަށް ހުކުމްކުރީ ރައީސްކަމުގެ މަގާމުގައި ކުރިއަށް އޮތް ފަސް އަހަރަށް ހުންނާނެ މީހަކު ނޮވެމްބަރު 11ގެ ނިޔަކަށް އައްޔަން ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ވެރިކަން ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލު މުހަންމަދު ވަހީދު އިބްރާހީމް (ވައްޑެ) ހުށަހެޅުއްވި މައްސަލައިގަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރު އައީ ރައީސް ވަހީދު ބޭނުންފުޅުވި ގޮތަށް: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ