ގާނޫނު އަސާސީގެ މައްޗަށް ސުޕްރީމް ކޯޓަކަށް ބަސް ނުބުނެވޭނެ ކަމަށާއި އެންމެ ފަހު ބަސް ބުނާނީ ރައްޔިތުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ށ. މިލަންދޫގެ އެމްޑީޕީ ސަޕޯޓަރުންނާ އެކު ބޭއްވި ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އަކީ ރައްޔިތުންގެ ހައްގުތައް ލިޔެފައިވާ ލިއުމެއް ކަމަށެވެ. އެ ލިޔުމުގެ މައްޗަށް ބަސް ބުނެވޭނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.
"ފަހު ބަސް ބުނާ ބަޔަކީ ސުޕްރީމް ކޯޓެއް ނޫން ރައްޔިތުން. ގާނޫނު އަސާސީ އަކީ ރައްޔިތުންގެ ހައްގުތައް ލިއެފައިވާ ލިއުމެއް. އެއީ ސުޕްރީމް ކޯޓުގެ ބާރުތައް ކަނޑައަޅާ ލިއުމެއް ނޫން. އަދި ރައީސުލް ޖުމްހޫރިއްޔާގެ ބާރުތަކާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތައް ބަޔާންކުރާ ލިއުމެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މީގެ ކުރިން ވެސް ގާނޫނު އަސާސީގެ ބާރުކަނޑުވާލި ގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރޭވުމުގެ ދަށުން މިހާރު މިވަނީ ފެހި ގާނޫނު އަސާސީގެ ވެސް ބާރު ކަޑުވާލައި، އުވާލުމުގެ މަގުމައްޗަށް ގެނެސްފައި ކަމަށެވެ. ދިގު 30 އަހަރު ވެރިކަން ކުރި ފަރާތްތަކުން، ގާނޫނު އަސާސީ އުވާލުމުގެ ފައްތަރަށް ގެނެސްފައި ވަނީ އެ ބޭފުޅުންގެ ވެރިކަމެއް ގާއިމްކުރުމަށް ކަމަށާއި ނޮވެމްބަރު 11 ވަނަ ދުވަހު މި ރާއްޖޭގެ ގާނޫނީ ހުކޫމަތުތައް ގެއްލިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ "ވޯޓުން އުފާވެރިކަން" ކެމްޕޭން އެމްޑީޕީން ފަށާފައި ވަނީ ވޯޓަކާ ނުލައި ރައްޔިތުންނަށް އުފާވެރިކަން ލިބެން ނެތުމުން ކަމަށެވެ. ރައްޔިތުންގެ ހިތްހަމަޖެހުމާއި ރައްޔިތުން އެދޭ ބަދަލު ހޯދެން އޮތީ އިންތިހާބު ބާއްވައިގެން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް ނޮވެމްބަރު 11 އަށް ރައީސުލް ޖުމްހޫރިއްޔާ އަކު ހުވާކުރައްވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މި ފަހަރު އެ ތާރީހުގައި ރައީސަކު ހުވާނުކުރެއްވުމަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދެރަ މައްސަލައެއް ކަމަށެވެ. އެހެން އެކަން ވެއްޖެ ނަމަ ބޭރުގެ ފިއްތުންތައް ރާއްޖެ އަށް އިތުރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިންތިހާބެއް ނުބޭއްވީމާ ދެން އެ ގައުމެއް ވެގެން އެ ދަނީ ގައުމުތަކުގެ އާއިލާ އިން ބޭރު ގައުމަކަށް. ގައުމުތަކަށް ފިޔަވަޅު އެޅުމުގައި ބަލަމުން ދަނީ އެއްވެސް ހާލެއްގައި އާބާދީ އާއި ގައުމުގެ ބޮޑު ކުޑަމިނަކަށް ނޫން. ގައުމުގެ ވެރިމީހާ އަކީ ރައްޔިތުން ކަނޑައަޅާފައިވާ މީހެއްތޯ ނުވަތަ ނޫންތޯ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމާއި އަދާލަތު ޕާޓީގެ އެދުމުގެ މަތިން ނޮވެމްބަރު 11 ގެ ފަހުން ވެސް ރައީސްކަމުގައި ގާނޫނު އަސާސީއާ ހިލާފަށް ދެމިހުންނެވުމަށް ރައީސް މުހައްމަދު ވަހީދު ވިސްނަވަމުން ގެންދަވަ އެވެ. އެއީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ބުނެ، ރައީސް ވަހީދު ވެރިކަމުގައި ބަހައްޓަން އުޅެނީ އިންތިހާބު ބާއްވައިފި ނަމަ ވެރިކަން ބީވެގެންދާނެކަން އެނގޭތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުގެ މަސައްކަތަކީ، ނަޝީދު ވިދާޅުވި ގޮތުގައި، އިންތިހާބެއް ބޭއްވިޔަނުދީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ދެމެހެއްޓުމެވެ. އިންތިހާބެއް ބާއްވައި ރާއްޖޭގެ އާއްމު ހާލަތު ރަނގަޅުވެ ރައްޔިތުންނަށް ތަރައްގީ ހޯދައިދޭން ސިޔާސީ ވާދަވެރިން ބޭނުން ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމެއްގައި އެހެން ދީންތަކަށް ޖާގަ ލިބިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ވިދާޅުވީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ ނުވަތަ ޕީޕީއެމުގެ ވެރިކަމެއް މި ގައުމުގައި ހިންގި ނަމަވެސް އިސްލާމްދީން ފޮހޮވިގެން ނުދާނެ ކަމަށެވެ. އެމްޑީޕީ އަށް ނިސްބަތްކޮށް އެފަދަ ވާހަކަ ދައްކައިގެން އެ ޕާޓީ އަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ދައްކަނީ ފިތުނަ ފަސާދަ އުފެއްދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓަކުން ނޫން، ރައްޔިތުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ