ކާނިވާ ސަރަހައްދުގެ ބިމުގެ މައްސަލަ ކޯޓުން ނިންމާ ގޮތަކަށް އަމަލުކުރަން އޭސީސީން ސިޓީ ކައުންސިލަށް އަންގައިފި

މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ އަލިމަސް އުފާ ސަރަހައްދުގެ ބިމުގެ މައްސަލާގައި ހައުސިން މިނިސްޓްރީ އާއި އެ ކައުންސިލާ ދެމެދު ދެބަސްވުން އުފެދި، އެ މައްސަލާގައި ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް ދައުލަތުން އެދިފައިވާތީ އެ މައްސަލާގައި ކޯޓުން ނިންމާ ގޮތެއްގެ މަތިން އަމަލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިފި އެވެ.
އެ ކޮމިޝަނުން ބުނީ އެ ސަރަހައްދު ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އިވެލުއޭޓް ކުރުމުގައި އަމަލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށް ކަމަށް ބުނެފައިވީ ނަމަވެސް އެ ކޮމިޝަނުގެ ތަހުގީގަށް އެކަން ސާބިތު ނުވާ ކަމަށެވެ.
އޭސީސީން ބުނީ އެ ސަރަހައްދު ތަރައްގީކުރަން ހުށަހެޅި ބީލަންތައް އިވެލުއޭޓް ކުރިއިރު 13 ނަންބަރު ޕްލޮޓަށް އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަށް އެންމެ މަތިން ޕޮއިންޓް ލިބިފައި ވީނަމަވެސް އެ ޕްލޮޓްތައް ކުއްޔަށް ދެނީ ދިހަ އަހަރަށް ކަމަށްވާތީ މުއްދަތުގެ އެންމެ ފަހު އަހަރު އެކަށީގެންނުވާ މިންވަރަށް މަހު ކުލި ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ ހިސާބުކޮށް ބެލޭނެ އެންމެ ރަނގަޅު ގޮތަކީ ޕްރޮޖެކްޓްގެ މުއްދަތު ޑިސްކައުންޓްކޮށްގެން ނެޓް ޕްރެޒެންޓް ވެލިއު ބޭސިސް އަށް ހިސާބުކުރުން ކަމަށްވާތީ އެ އުސޫލަށް ހިސާބުކުރިއިރު، އެ ކެފޭއަށް މިހާރު އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަށް ވުރެ ދެވަނަ ފަރާތުން ހުށަހަޅާފައިވާ އަގަކީ ދައުލަތަށް 299،244.09ރ. ފައިދާ ހުރި ހުށަހެޅުމެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"އެހެން ކަމުން ކެފޭ 13 އަށް ބީލަން ހުށަހެޅި ފަރާތްތަކުން އަގު ހުށަހަޅާފައިވާ ގޮތަށާއި ބީލަންތައް އިވެލުއޭޓްކޮށްފައިވާ އުސޫލަށް ބަލާއިރު އެއީ ދައުލަތަށް އެންމެ ފައިދާހުރި ގޮތްކަމަށްނުވާތީ އަލިމަސް އުފާ ކާނިވާ ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ކެފޭ 13އަށް ހުށަހެޅި ބީލަންތައް ބާތިލުކުރުމަށްފަހު އަލުން ކުއްޔަށްދިނުމަށް އިއުލާންކުރުމަށް އަންގާފައިވާނެ އެވެ،" އޭސީސީން ބުންޏެވެ.
ކާނިވާ ސަރަހައްދާއި ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތް ހުއްޓާލަން އޭސީސީން އެންގީ މިދިޔަ މަހު އެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި ޕާކަކާއި ދެކުނު ހާބަރުގައި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީކުރުމަށް ނިންމައި ސިޓީ ކައުންސިލުން ވަނީ އެ ދެ މަސައްކަތް ބީލަމަށް ވެސް ހުޅުވާލައިފަ އެވެ. މި ބިންތަކުގެ އިތުރުން މާލޭގެ އެހެން ބައެއް ބިންތަކުގެ މައްސަލާގައި ވެސް ހައުސިން މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު ވަރަށް ބޮޑަށް ވަނީ މައްސަލަ ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ