އަދާލަތު ޕާޓީއަށް ބަޖެޓުން ފައިސާ ދޫނުކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ބަޖެޓުން އަދާލަތު ޕާޓީއަށް ފައިސާ ދޫނުކުރި މައްސަލާގައި އެޕާޓީން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އަދާލަތު ޕާޓީން ކޯޓަށް ހުށައެޅި މި މައްސަލަ ކޯޓުން ބޭރުކޮށްލީ އަދާލަތުގެ ޕާޓީގެ ފަރާތުން އެއްވެސް ބޭފުޅަކު ކޯޓަށް ހާޒިރު ނުވުމުން މިދިޔަ އާދީއްތަ ދުވަހުގައެވެ.
މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ ދައުވާ ބޭރުކޮށްލުމުގެ ބާރު ކޯޓަށް އޮވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ އެ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ މިދިޔަ ނޮވެމްބަރު މަހު ދޫކޮށްފައިވާއިރު, އަދާލަތު ޕާޓީ އަށް މިފައިސާ ދީފައި ނުވަނީ 10،000 މެންބަރުން ހަމަނުވާތީ ކަމަަށް ސަރުކާރުން ވަނީ ބުނެފައެވެ.
މީގެ ކުރިން 10،000 މެންބަރުންގެ ދަފްތަރެެއް އޮތް އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު އެއަށް ވުރެ މަދުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން، އިނގިލީގެ ނިޝާން ހުށަނާޅާ މެންބަރުން ޕާޓީތަކުން ވަކިވާ ގޮތަށް ހެދުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ