ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެންނުވާނެ - މައުމޫން ޢަބްދުލްޤައްޔޫމް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ ކަމަށާއި، މިނިވަންކަމަކީ ޑިމޮކްރަސީގެ އެއް ތަނބު ކަމަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުނނެވެ.
މައުމޫން ވިދާޅުވީ  ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުން އޮތްނަމަވެސް އެންމެންގެ މެދުގައި އެއްބަސްވެވޭ ކޮމަން ގްރައުންޑެއް އޮންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއްނެތި ބަހުގެ ހޫނު ހަމަލާ ބަދަލުކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި އޭގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުމަކީ ޕާޓީއަށް ލިބިގެންދިޔަ ޝަރަފެއްކަމަށާއި،ފެނިގެންދަނީ އެމްއާރުއެމް އާމެދު ބަހައްޓަވާ ގާތްކަމާއި ސަރުކާރު ކޯލިޝަނަށް ދެއްވާ އަހަންމިއްޔަތު ކަމަށެވެ.
މަޢުމޫން ވިދާޅުވީ އެމްއާރުއެމް ބޭނުންވަނީ ރާއްޖޭގެ ސިޔާސީ ހަރަކާތް އިތުރު ހަރުފަތަކަށް ގެންދަންކަމަށާއި އެގޮތުން ދެ ކަމެއް ނިންމާފައިވާ ކަމަށެވެ. އެއް ކަމަކީ ޕާޓީގެ ކޮންމެ ހަރަކާތެއްގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަންހެން އަދި ފިރިހެން މެމްބަރުން އެއް އަދަދަކަށް ތިބުންކަމަށާއި ދެވަނަ ކަމަކީ އެމްއާރުއެމްގެ ކޮންމެ ގުނަވަނެއްގައިވެސް 25 އިންސައްތައަށްވުރެ މަދު ނޫން އަދަދަކަށް އުމުރުން 30 އަހަރުން ދަށުގެ މެމްބަރުން ތިބުންކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނަކީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ އިންތިޤާލީ ރައީސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ