ރާއްޖެއަކީ ހަނގުރާމައިގައި ހާއްސަ މަގާމެއް ހޯދާފައިވާ ގައުމެއް- އުމަރު

ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ހަނގުރާމައިގާ ވަރަށް ހާއްސަ މަޤާމެއް ހޯދާފައިވާ ޤައުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ދިވެހިރާއްޖޭގެ އެއްތިރީސް ވަނަ ނަސްރުގެ ދުވަހާއި ގުޅުވައިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާތަނަށް ދިވެހި ރާއްޖެ ހިފަން އައި އެއްވެސް ލަޝްކަރެއްގެ ކޮމާންޑަރަކު އެމީހުންގެ އަމިއްލަ ވަޒަނަށް ސަލާމަތުން އެނބުރި ދެވިފައި ނުވާކަމަށެވެ. އެގޮތުން މާޒީގައި ހިނގާފައިވާ ހާދީސާތަކުގައި ރާއްޖެ ހިފަން އައި ލަޝްކަރުތަކުގެ ކޮމާންޑަރުންގެ ގޮތުގައި އައި ޕޯޗުގީޒުންގެ ވެރިޔާ އަނދިރި އަނދިރިން، މަލާބާރީންގެ ކޮމާންޑަރު ކަނައްކާ ފޫޅު އަދި 3 ނޮވެމްބަރު ގެ ހަމަލާގެ ކޮމާންޑަރު ވަސަންތީވެސް ދިވެހިންގެ އަތްދަށުގައި މަރުވެފައިވާ ކަން އުމަރު ފާހަގަކުރެއްވިއެވެ.އުމަރު ނަސީރު ވިދާޅުވީ މި ޝަރަފު ލިބިގެންވާ ހަމަ އެކަނި ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ. ދިވެހި ތާރީހުގައި އަބަދުވެސް ރާއްޖޭގެ މިނިވަންކަން ގެއްލިގެންގޮސްފައިވަނީ ދިވެހި ހާއިނުންތަކެއް އަޑީގައި ތިބެގެން އެކި ގައުމުތަކުގެ ކުލީ ސިފައިންނާއި ގުޅިގެންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފަހުގެ ތާރީޚެއްގައި ރާއްޖޭގައި މިފަދަ ހާދިސާތަކުގެ ތެރެއިން ނަސްރުގެ ދުވަހަކީ މިހާރުގެ ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި ބައެއް ބޭފުޅުން ނިސްބަތްވާ ސިއްކަ އާއިލާ އަދި ކެރަފާ އާއިލާގެ މީހުން އަޑީގައި ތިބިގެން ދިން އުދުވާނީ ހަމަލާއެކެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ދިވެހިންގެ ތެރެއިން ބަޔަކު ވަނީ ތެދުވެ ޤައުމުގެ މިނިވަންކަން އިއާދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ